ބަޔަކު ބޭނުންހާ ކަމެއް ބޭނުން ގޮތަކަށް ކުރަން ދިވެހި ރައްޔިތުން ފުރުސަތު ނުދެނޭކަން ހާމަވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ ޖަލުގައި ހުންނެވުމަށް ފަހު މިނިވަންވެވަޑައިގެން ފުރަތަމަ ދެއްވި އިންޓަވިއުގައި ފާރިސް ވިދާޅުވީ އުޖާލާ މަންޒަރުތައް ފެންނަމުންދާ ކަމަށެވެ. އޭނާ މިނިވަންކުރި ކުރުމަށް އިޝާރާތް ކުރައްވައި، ވިދާޅުވީ ބަޔަކު މީހުން ބޭނުންހާ ކަމެއް ބޭނުން ގޮތަކަށް ކުރުމުގެ ފުރުސަތު ރައްޔިތުން ނުދޭނެކަން ހާމަވެގެން ގޮސްފި ކަމަށެވެ.
"ގާޒީ އިއްވެވި ހުކުމުގައި ރިއާޔަތް ކުރެއްވި ގާނޫނު އަސާސީގެ 49 ވަނަ މާއްދާއަށާއި ގާނޫނު އަސާސީގެ 51 ވަނަ މާއްދާއަށް މިކަމަކީ އަޅުގަނޑުމެން ވަރަށް އުފާވާ ކަމެއް، އަޅުގަނޑުމެންގެ އުންމީދެއް ނުގެއްލޭ، ދިވެހި ރައްޔިތުންނަކަށް އުންމީދެއް ނުގެއްލޭ، މާތް ﷲ ގެ އިރާދަފުޅުން މި މަސައްކަތް ކާމިޔާބުވާނެ، ދިވެހި ރައްޔިތުން ބޭނުން ފަދަ ގައުމެއް، ބޭނުން ފަދަ މާހައުލެއް ގާއިމްކުރެވޭނެ،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ މިނިވަންވުމުން އުފާވާ ކަމަށާއި އެހެން ނަމަވެސް، ސިޔާސީ މަސައްކަތުގައި އުޅުމުގެ ސަބަބުން ޖަލަށްލައި، އިންސާފުން ބޭރުން އަމަލުކުރެވުމުންދާ ބޭފުޅުންގެ މަތިން ހަނދާންނުނެތޭ ކަމަށެވެ.
"އެހެންވީމަ މިވަގުތުގައި ވެސް އެންމެ ފުރަތަމަ އަޅުގަނޑު ގޮވާލަން ބޭނުންވަނީ ޝެއިޚް އިމްރާން އަބްދުﷲ ވެސް މިނިވަން ކޮށްދެއްވާށޭ، ރައީސް މުހައްމަދު ނަޝީދު ވެސް މިނިވަން ކޮށްދެއްވާށޭ، ގާސިމް އިބްރާހިމް ވެސް މިނިވަން ކޮށްދެއްވާށޭ، ކާނަލް ނާޒިމްވެސް މިނިވަންކޮށްދެއްވާށޭ، މިހާރުން މިހާރަށް މިހުރިހާ ބޭފުޅުންނާއި އޭގެ އިތުރުން ސިޔާސީ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް އެ ބޭފުޅުންނަށް ލިބިދީފައިވާ ހައްގުތައް ކަށަވަރުކޮށްދެއްވާށޭ، ހުރިހާ މުއައްސަސާތަކުން ވެސް އިހުތިރާމާއެކު މިކަމަށް މަސައްކަތް ކޮށްދެއްވާށޭ" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ވަކި ހިސާބަކުން އިސްލާހީ މަސައްކަތާއި ދުރުގައި މަޑުކޮށްލަންޖެހިވަޑައިގަތަސް، މިއަދުން ފެށިގެން އެ މަަސައްކަތުގައި ދެމިހުންނަވާނެކަން ކަށަވަރުކޮށްދެއްވާ ކަމަށެވެ.
ފާރިސް ވިދާޅުވީ އޭނާ މިނިވަން ކުރި ކަމުގައިވީ ނަމަވެސް ޝަރީއަތް އަދިވެސް ދާނީ ކުރިއަށް ކަމަށެވެ. މިހާތަނަށް ޝަރީއަތުގައި ކަންތައްތައް ކުރެއްވެވުނު ގޮތަށް ބައްލަވައި ދައުވާ އަނބުރާ ގެންދެވުމަށް ފާރިސް ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ގޮވާލައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެވެ. އަދި ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އެވެ.