ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 12:52
އަހަރެންގެ ބޭންކް 28 ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން
އަހަރެންގެ ބޭންކް 28 ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން
އައިޝަތު ޝާނީ
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލްގެ މިސްރާބު ބޭރު ދުނިޔެއަށް!
އޭޝިއާގެ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ބޭންކިންގ ލައިސެންސްއަށް އެދި ހުށަހަޅާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވަނީ ވިދާޅުވެފަ

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ދުވަހެއް ދުވަހަކަށް އެމީހުންގެ ހިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އެމީހުންގެ ހިދުމަތްތައް ފުޅާވެގެންގޮސް މިހާރު ބޭންކުން އަމާޒު ހިފާފައިވަނީ ބޭރު ދުނިޔޭގައި ހިދުމަތްތައް ފޯރުކޮށްދީ ފުޅާ ކުރުމަށެވެ. އެގޮތުން އޭޝިއާގެ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ބޭންކިންގ ލައިސެންސްއަށް އެދި ހުށަހަޅާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވަނީ ވިދާޅުވެފައެވެ.

އަހަރެންގެ ބޭންކް 28 ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތް ފުޅާކުރުމަކީ ތަފާތު ގިނަގުނަ ފައިދާ ތަކެއް ލިބި، ރާއްޖޭގައި އިންވެސްޓް ކުރުމަށް އިތުރު އާމްދަނީވެސް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މިވަގުތު ތައްޔާރުވަމުން ދަނީ އޭޝިއާގެ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް އަށް އެދި ހުށަހެޅުމަށް ކަމަށާއި އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ މަޝްރޫއުތަކަށް 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެގޮތުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 ޕްރޮގްރާމާއި، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތަކާއި، އޭޓީއެމް އަދި ޕޮއިންޓް އޮފް ސޭލްސް މަރޗަންޓުން ހިމެނޭ ބޭންކިންގ ވިޔުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން 300 މިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކް އިން ބުންޏެވެ.

ނިސްބަތުން އާބާދީ ކުޑަ ރަށްތަކަށް ކޭޝް އެޖެންޓުގެ ހިދުމަތް ފުޅާކުރުމަށް ނިންމާފައިވާ  ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

މިދިޔަ އަހަރު ލޯނު ދޫކުރެވުނު ނިސްބަތް އިތުރުވެފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.

- ކޮމެންޓް