ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފާރިސްގެ މައްޗަށް ހިންގާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ފާރިސް ދޫކޮށްލަން ގާޒީ އަލީ އާދަމް އަމުރުކުރެއްވީ ޝަރުތުތަކަކާއި އެކުގައެވެ. ފާރިސްއަށް ޝަރުތުކޮށްފައިވަނީ، ހެއްކަށް ނުފޫޒު ނުފޯރުވުމަށާއި، ކޯޓުގެ ހުއްދައަކާއި ނުލައި މާލެއިން ބޭރަށް ނުދިއުމަށާއި، ކޯޓަށް ހާޒިރުވަން އަންގައިފިނަމަ، ކޯޓަށް ހާޒިރުވުމަށެވެ.
ފާރިސް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިމިވަނީ، ފާރިސް ބަންދުގައި ހުންނަވަތާ 191 ދުވަސް ފަހުންނެވެ.
ފާރިސް މިނިވަން ކުރުމަށް އަމުރުކުރައްވަމުން ގާޒީ އަލީ އާދަމް ރިއާޔަތްކުރެއްވީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކުގެ މިނިވަން ފޮރެންސިކް އެނަލަސިސްއެއް ހެދުމަށް ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށެވެ. ގާޒީ އަލީ އާދަމް ވިދާޅުވީ ތިން ވަނަ ފަރާތެއް ލައްވާ މިނިވަން ފޮރެންސިކް އެނަލަސިސްއެއް ހެދުމަށް ދައުލަތުން ވެސް އިއުތިރާޒު ކޮށްފައިނުވާ ކަމަށާއި އެފަދަ އެނަލަސިސްއެއް ހެދުމަށް ގިނަ ދުވަސްތަކެއް ހޭދަވެދާނެ ކަމަށެވެ.
މީގެ އިތުރުން، ގާޒީ ވިދާޅުވީ ދައުވާ ލިބޭ ފަރާތަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގަކީ ދައުވާއިން ދިފާއުވުމަށް އެކަށީގެންވާ ވަސީލަތާއި ވަގުތު ލިބުން ކަމަށްވާއިރު، ފާރިސްއަށް ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފޯރުކޮށްނުދޭ ކަމަށް ބުނެ އެތައް ފަހަރެއްގެ މަތިން ޝަކުވާ ކޮށްފައިވާ ކަމަށެވެ.
ނިމިގެންދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށް، ޖުލައި 19 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިކަން ފާހަގަކުރައްވައި، ގާޒީ ވަނީ، ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުޙުމަތު ކޮށްފައިވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް ކަމާއި، އެ އަސާސީ އަދަބާއި އަޅާ ބަލާއިރު މިހާރުވެސް ގިނަ ދުވަސްތަކެއް ވަންދެން ފާރިސް ޖަލުގައި ހުންނަވާފައިވާކަން ފާހަގަކުރައްވާފައެވެ.
ގާޒީ އަލީ އާދަމް ވިދާޅުވީ، މި ހުރިހާ ކަމަކާއި ގުޅިގެން ޤާނޫނު އަސާސީގައި ކަށަވަރުކޮށްދޭން ލާޒިމްކުރާ އެތައް ޙައްޤެއް ފާރިސްގެ ކިބައިން ނިގުޅައިގަނެވިގެން ހިނގައިދާނެ ކަމަށް ބަލައި ވަގުތުން މިނިވަން ކުރުމަށް އަމުރުކުރައްވާ ކަމަށެވެ.
މި ނިންމެވުމާއި ގުޅިގެން ގާޒީ ވަނީ މިިދޔަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާޠިލް ކުރައްވާފައެވެ.
މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގެ ވޯޓަށް ނުފޫޒު ފޯރުވުމަށް، މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުޙުމަތުގައެވެ.