ސަރުކާރުގެ ފަރާތުން ކުރާ ކަމަކާމެދު އެއްވެސް ފަރާތަކުން، އެއްޗެއް ބުނެފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރު ދިފާއުގައި ވާހަކަފުޅު ދައްކަވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އެހެން ވިދާޅުވެފައި ވަނީ ވިލާ ގްރޫޕުގެ ރިސޯޓުތަކަށް އެރި ކަސްޓަމްސްގެ އޮފިސަރުންނާއި އާއި ފުލުހުންގެ ނަންތައް، އާންމު ކުރި މައްސަލަ ކުށްވެރިކޮށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބުދަ ދުވަހު ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްހައި އެ ޕާޓީގެ ސެކަރެޓަރީ ޖެނަރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެފައި ވަނީ ވިލާ ގްރޫޕުން ވަކިވަކި ފުލުހުންގެ ނަންތައް ހާމަ ކުރީ މުވައްޒިފުންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށާއި އެފަދަ އަމަލުތަކަކީ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް ގަސްތުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.
ބުރާސްފަތި ދުވަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން ކުރާ ކަމަކާ ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރުން ޖަވާބުދޭން ޖެހެނީ ކީއްވެތޯ އޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އެފަދަ ކަންކަމުގައި ޖަވާބުދާރީ ވާންޖެހޭ ވަޒީރުން ނުތިބެނީ ކީއްވެތޯ އާއި ރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ތަނަކަށް ނުވަނީތޯ އޭ ވެސް ވިދާޅުވެ، މައުމޫން ސުވާލު ކުރައްވާފައިވެއެވެ.
Sarukāruge farāthakun kurā kamakā medhu evves farāthakun echcheh bunefi nama kīvve bā rayyithunge majilīhuge menbaraku javābu dhēn jehenī? Javābudhārī vāne vazīraku nuhunnanī bā? Thin bāru vaki koffaivā thaneh nūn bā mi rājjeakī?
— Maumoon Abdul Gayoom (@maumoonagayoom) January 24, 2018