ރޭޕްކޮށްލުމަށް ފަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޕާކިސްތާނުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރާލިކަމަށް ގާތިލު އެއްބަސްވާ ވީޑިއޯ އާއްމުވެއްޖެއެވެ.
އިމްރާން އަލީ ނަމަކަށް ކިޔާ އުމުރުން 24 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވަނީ، މިމަހުގެ 23 ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން މި މައްސަލައާއި ގުޅިގެން މީގެކުރިން ވެސް އޭނާ ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.
ޕާކިސްތާނުގެ ފުލުހުންނާއި ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވަނީ، ޒައިނަބުގެ މަރުގެ މައްސަލާގައި އެމީހާ ކުރިން ހައްޔަކުރި ނަމަވެސް ފަހުން އޭނާ ދޫކޮށްލީ އެއިރު އެއްވެސް ހެއްކެއް ނެތުމުން ކަމަށެވެ.
އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވި ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު ހުރީ ތުނބުޅިއާއި ބޯވެސް ތުނިކޮށްކޮށާފައެވެ. ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނުގެ އަވަށެއްކަމަށްވާ ޕަކްޕައްޓަން އިންނެވެ. އޭނާގެ ޑީއެންއޭ އާއި ޒައިނަބު މަރާލާފައި އޮއްވާ ފެނުނު ހިސާބުން ނަގާފައި ހުރި ސާމްޕަލްތަކާއި ދިމާވާކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިމްރާން އަލީ ހައްޔަރުކުރުމަށް ފަހު އޭނާއާއި ފުލުހުން ކުރި ސުވާލުތަކަށް އޭނާ އެއްވެސް ހާސްކަމެއް ނެތި ޖަވާބުދެމުންދެއެވެ.
"އެކުއްޖާ އަހަރެން ގާތު ވަރަށް ގިނައިން އެހި ކޮންތާކަށްތޯ ތި ގެންދަނީ، އަހަރެންބުނިން މަންމައާއި ބައްޕައާއި ބައްދަލުކުރާށޭމިދަނީ" އިމްރާން ބުނަމުންދިޔައެވެ.
އަދި ތަކުރާރުކޮށް ތުއްތު ޒައިނަބަށް އޭނާ ދިޔައީ އޮޅުވާލުމަށް އެކިއެކި ވާހަކަތައް ދައްކަމުންނެވެ. އެގޮތުން މަގުތައް އަނދިރިކަމުން މަގުއޮޅޭކަމަށް ވެސް އޭނާ ދިޔައީ ބުނަމުންނެވެ. ހަތް އަހަރުގެ ކުޑަ ޒައިނަބު ހައްދާލުމަށް ފަހު އެކުއްޖާ ރޭޕްކޮށް މަރާލީ ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. ޕާކިސްތާނު ފުލުހުން ބުނާ ގޮތުގައި އިމްރާންގެ މައްޗަށް އިތުރު 6 ކުދިން ރޭޕްކޮށް މަރާލުމުގެ ތުހުމަތު ކުރެވެއެެވެ. އަދި އެކަން އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ޒައިނަބުގެ ގާތިލު އިމްރާނު އަންގާރަ ދުވަހު ހައްޔަރުކޮށް ޕާކިސްތާނުގެ އެންޓި-ޓެރަރިޒަމް ކޯޓް (އޭޓީސީ) އަށް ބުދަ ދުވަހު އޭނާ ހާޒިރުކުރީ ފުލުހުންގެ ބޮޑު ފައުޖަކާއިއެކުގައެވެ. އިމްރާނު ހާޒިރުކޮށް ބަންދަށް ވަނީ 14 ދުވަސް ޖަހާފައެވެ.
ޒައިނަބުގެ މަންމަ އާއި ބައްޕަ އަދި މުޅި ޕާކިސްތާނު އޮތީ ޒައިނަބުގެ ގާތިލަށް މަރުގެ ހުކުމް އިއްވާ އޭނާ ދަންޖައްސާނެ ވަގުތަކަށް އިންތިޒާރު ކޮށްގެންނެވެ.