ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއަށް އެކަށީގެންވާ މިންވަރަށް ބޭސްފަރުވާ ފޯރުކޮށްނުދޭ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ އާއިލާއާއި ވަކީލުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) ގެ ރައީސްއާ ބައްދަލުކޮށްފި އެވެ.
އެޗްއާރްސީއެމްގެ ރައީސް އައިމިނަތު އީނާސްއާއެކު ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމުގައި އަދީބުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އަނބިކަނބަލުން މަރިޔަމް ނަޝްވާއާއި ވަކީލު މޫސާ ސިރާޖުއާއި މަހުފޫޒު ސައީދު އެވެ.
އެޗްއާރްސީއެމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި އަދީބުގެ އާއިލާއާއި ވަކީލުން ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މައްސަލައާއި، އެކަށީގެންވާ ފަރުވާ ފޯރުކޮށްނުދޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެކެވެ. އެގޮތުން، ދެ ފަރާތަށް ބައެއް ކަންކަމުގައި އެއްބަސްވުމަކާ ހަމައަށް ދެވިފައިވެއެވެ. ނަމަވެސް، އެ ކަންތައްތަކުގެ ތަފްސީލެއް އޭނާ ވިދާޅެއް ނުވި އެވެ.
އަދީބުއަށް އެކަށީގެންވާ މިންވަރަށް ބޭސްފަރުވާގެ ފޮރުކޮށްނުދޭ މައްސަލަ އެޗްއާރްސީއެމް އަށް ހުށަހެޅީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
އަދީބުގެ އަނބިކަނބަލުން އެޗްއާރްސީއެމަށް ފޮނުއްވި ސިޓީގައި ވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެކަމުގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާއެއްގެ ސަމާލު ކަމަށް އެކަަންކަން ގެނެސްފައިވާ ކަމަށާއި އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެ ކަމަށް އަންގާފައިނުވާ ކަމަށެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.
އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާ ކަމަށާއި ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށާއި އަދި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.