ދިވެހި ރާއްޖެއިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެންމެ ގިނަ މެޑަލް ހޯދާފައިވަނީ މިފާއިތުވެދިޔަ ހަތަރު އަހަރުކަމަށާއި، ކުޅިވަރުގެ ދާއިރާގައި ޒުވާނުންނަށް ފުރުސަތުތައް ފަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ރާއްޖެއަށް ވޯލްޑްކަޕް ޓްރޮފީ ގެނައުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މިފަދަ ޓްރޮފީއެށް ރާއްޖެއަށް އައުމަކީ ދިވެހި ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"ދިވެހި ރާއްޖޭގެ ނަމުގައި މިފަދަ ތައްޓެއް އުފުލައިލުމަށް ލިބޭ ފުރުސަތަކީ، މަދުން ނޫނީ މިފަދަ ޝަރަފެއް ނުލިބޭނެ ފަދަ ޝަރަފެއް. ދިވެހި ރައްޔިތުންގެ ފަރާތުން ހާއްސަކޮށް ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކުގެ ފަރާތުން މަރުހަބާ ދަންނަވަން."
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ކުޅިވަރުގެ ދާއިރާ ހަރުދަނާ ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި ތަފާތު އެކި ކުޅިވަރުތައް ކުޅޭނެ ދަނޑުތަކާއި ކޯޓުތައް ގާއިމްކޮށްދީފައިވާ ކަމަށެވެ.
ވޯލްޑް ކަޕް ޓްރޮފީ ޓުއާގައި ދިވެހިރާއްޖެއަކީ މިތަށި ގެނެވުނު ދެވަނަ މަންޒިލެވެ. މީގެ އިތުރުންވެސް 50 ގައުމަށް ޓްރޮފީ ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޓުއާގައި ގާތްގަނޑަކަށް 120 އަށް ވުރެ ގިނަ ދުވަސް ހޭދަކުރެ އެވެ. ޓުއަރއަށް ފަހު ވޯލްޑްކަޕް މިއަހަރު ބާއްވާ ރަޝިޔާގެ ވްލަޑިވޮސްޓޮކްއަށް ޓްރޮފީ ގެންދިޔުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.