މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ވަކީލު ރިޔާސީ ރޭހުގައި ވާދަ ނުކުރައްވާކަން އިއުލާނު ކުރައްވައިފިއެވެ.
މިއީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ ވާދަވެރިވާނެ ކަމަށް ބެލެވުނު ކެނޑިޑޭޓަކަށް ވާއިރު އޭނާގެ ނަން ގެންދެވުމާއިއެކު މިހާރު އޮތް ގޮތަށް ބަލާއިރު އިންތިޚާބުގައި ވާދަކުރައްވާނެ ހަމައެކަނި ބޭފުޅަކި ރައީސް ސީސީއެވެ.
ޚާލިދް އަލީ ވިދާޅުވީ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވަން ހާލަތު ތަންނުދޭ ކަމަށެވެ.
"އަޅުގަނޑު މިއަދު މި އިއުލާނުކުރަނީ ރިޔާސީ ރޭހަށް އަޅުގަނޑު ކުރިމަތިނުލާން ނިންމިކަން އަދި އަޅުގަނޑުގެ ކެނޑިޑެސީ ކަރުދާސް ހުށައެއް ނާޅާނަން" ގާހިރާގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވިދާޅުވިއެވެ.
މީގެ ކުރިން 2012 ވަނަ އަހަރު ވެސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާފައިވާ އިދިކޮޅު ލީޑަރު ޚާލިދް އަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުރަސްއެޅިދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ. އޭގެ ސަބަބަކީ އޭނާއަކީ އާއްމު އިޖުތިމާއީ މިންގަޑާ ޚިލާފްވަޑައިގެންނެވިކަމުގެ ކުށުގައި ތިން މަސްދުވަހުގެ ހުކުމެއް، ކުރެވުމަށް ފަހު އެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލާފައިވާ މީހަކަށްވުމެވެ.
މިސްރުގެ ރިޔާސީ އިންތިޚާބު އަންނަ މާޗް މަހުގެ 26-28 އާދެމެދު ބޭއްވުމަށް ތާވަލް ކޮށްފައިވާއިރު، އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މުއްދަތު ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފެށޭނެއެވެ. އަދި އެދުވަހުން ފެށިގެން އަންނަ މާޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް، އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންދާނެއެވެ.
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ޖެނުއަރީ މަހުގެ 20 އިން 29 ގެ ނިޔަލަށް އެގައުމުގެ އިންތިޚާބީ ކޮމިޝަންގައި ރެޖިސްޓަރ ކުރަން ޖެހެއެވެ.
ޚާލިދުގެ ނަން އަނބުރާ ނެންގެވިއިރު އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ، ޖެނެރަލް ސާމީ އަނާންވަނީ އަންގާރަ ދުވަހު ހައްޔަރު ކޮށްފައެވެ.
މިސްރުގެ ސުޕްރީމް ކޮމިޓީ އޮފް ދި އާމްޑް ފޯސަސް (އެސްސީއޭއެފް) އިން އޭނާ އޭނާ ހައްޔަރު ކޮށްފައި ވަނީ މީގެ ކުރިން އޭނާ ކޮށްފައިވާ ކުށެއްގެ ތަހުގީގަށް ކަމަށް ބުނެ އެވެ.
އެސްސީއޭއެފް އިން އަންގާރަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ވަނީ، 69 އަހަރުގެ އަނާން އަސްކަރިއްޔާގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށް ރަސްމީ ލިޔެކިޔުންތަކެއް ފޯޖް ކޮށްފައިވާ ކަމަށާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އަސްކަރިއްޔާގެ ހުއްދަ އޭނާ ހޯދާފައިނުވާ ކަމަށެވެ.. އެ ތުހުމަތުތައް އޭނާ ދޮގު ކުރައްވައެވެ
އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރި ބައެއް ފަރާތްތައް މީގެ ކުރިން ވަނީ އެވިސްނުން އަނބުރާ ގެންދަވާފައެވެ.
ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަންނަވާނެކަން އިއުލާން ކުރެއްވި ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީކް އެނިންމެވުން އަނބުރާ ގެންދެވީ ސަރުކާރުގެ ފިއްތުންތަކާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން މިސްރުގެ ކުރީގެ ރައީސް މުޙައްމަދު އަންވަރު ސާދާތުއަށް ބޮޑުބޭބެ ވިދާޅުވާ އަންވަރު އިސްމަތު ސާދާތު ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވާފައެވެ.