ދަރުމަވަންތަ ސުކޫލްގެ ދަރިވަރެއްގެ ގަޔަށް ވަޅި ހަރައި، ޒަހަމްކޮށްލި މައްސަލައާއި ގުޅިގެން މިހާތަން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ޖެނުއަރީ 17 ވަނަ ދުވަހު 5 މީހުން ހިމެނޭ ގްރޫޕަކުން ދަރިވަރަށް ހަމަލާދިން މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިހާތަންނަން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް ތަޙުގީގު ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް ފުލުހުން ތަޙުގީގު ކުރަމުންދާ މައްސައަކަށްވާތީ އެކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ފަސް މީހެން ހިމެނޭ ގްރޫޕަކުން ދަރިވަރަށް ހަމަލާދިނީ ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީ ސީއެޗްއެސްއީ ސްކޫލް ކައިރިންނެވެ. އެ ދަރިވަރުގެ އަރިކަށްޓަށް ވަޅި ހެރުމުން، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.