އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ގާނޫނީ ވަކީލަކާއި އެކު މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
އެމްޑީޕީގެ ނައިބް ރައީސް ޝިފާޒު އަދި ގައުމީ މަޖިލީހުގެ މެމްބަރު ހަސަން ގާނޫނީ ވަކީލަކާއި އެކު ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ބުދަ ދުވަހު ހާޒިރުވާން އެންގި އެންގުން ކެންސަލް ކުރުމަށް ފަހުގައެވެ. ހަސަންޓޭ ފުލުހަށް ހާޒިރުވާން މިހާރު އަންގާފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު 14:00 ގައެވެ. އަދި ޝިފާޒު ހާޒިރުވާން އަންގާފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު 4:30 އަށެވެ.
މި ދެ މީހުން ފުލުހުން ހާޒިރުކުރަނީ ހުއްދަ ނޫން ތަނަކަށް އެއްވުމުގެ ތުހްމަތުގައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ނާއިބު އިދާރީ އަލީ ނިޔާޒާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްޗަށް ވެސް ހުއްދަ ނޫން ތަނަކަށް އެއްވުމުގެ ތުހުމަތުވަނީ ކޮށްފައެވެ. އެ މައްސަލައާއި ގުޅިގެން އާޒިމާއި ނިޔާޒު ބުދަ ދުވަހުގެ ރޭ ފުލުހަށް ހާޒިރުވާން އަންގާފައިވެއެވެ.
އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރުކަން ވެސް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާޒިމް މިރޭ 8:30 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު އެޕާޓީގެ ޗެއާޕާސަންގެ ނައިބް ނިޔާޒު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 10:00 އަށެވެ.
ބެލެވޭ ގޮތުން ބޭފުޅުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މި މަހުގެ 19 ދުވަހު އެމްޑީޕީގެ ހަރުގެ ކުރިމަތީ އިދިކޮޅު ފަރާތްތަކުން ކުރި އިހްތިޖާޖާ ގުޅިގެންނެވެ. އެ އިހްތިޖާޖު ހިނގި ވަގުތު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވެފައިވީ ނަމަވެސް މި ހަތަރު ބޭފުޅުން ފިޔަވައި އެހެން މީހަކު ޕޮލިހަށް ހާޒިރުވުމަށް އެންގި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.