ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ރިސޯޓްތަކަށް އެރި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންގެ ނަންތައް ގާސިމްގެ ވިލާ ކުންފުނިން އާއްމުކޮށްފައި ވާތީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ކަންބޮޑު ވެއްޖެއެވެ.
ޕީޕީއެމުން އެކަން ކުށްވެރިކޮށްފައި ވަނީ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އަދި ތަރުޖަމާނު އަލީ އާރިފްގެ އިތުރުން ސެކެރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ތިން ބޭފުޅުންވެސް ވިދާޅުވީ ތަންފީޒީ އިދާރާތުން ގާނޫނު ތަންފީޒު ކުރުމުގައި އަމަލު ކުރަމުންދާނެ ކަމަށާއި ނަމަވެސް ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުގެ ބޭފުޅުންގެ ނަންތައް އާއްމު ކުރުމަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އޮފިޝަލުންގެ ނަންތައް އާއްމު ކުރުމަކީ އެ ބޭފުޅުންނާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރާ ކަމެއް ކަމަށާއި އެގޮތަށް ނަން އާއްމު ކުރާ ގާނޫނު ތަންފީޒު ކުރާ އޮފިޝަލުންނަށް މީގެކުރިން އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށެވެ.
ނިހާނު ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް މީހަކު ނުވަތަ ބަޔަކު ކުރާނަމަ އެކަމެއް ވަގުތުން ހުއްޓުވާ، ތަހުގީގު ކުރުމަކީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ތަހުގީގުކުރުން ފަސްކޮށްލުމަކީ ތަންފީޒީ އިދާރާތަކުން ކުރާނެ ކަމެއް ނޫންކަމަށެވެ.
"ކުށެއް މީހަކު ކުރަނިކޮށް، އެކަން އެކުރަނީ ބައެއްގެ ކުރިމަތީގަ އޭ، އެހެންވީމާ އިހަށް މަޑުކޮށްލާނިއްޔޭ، އެހެން ކިހިނެއްތޯ ގާނޫނެއްގައި ލިޔާނީ. އެއްވެސް ކުށެއް މީހަކު ކުރަނިކޮށް، އެކަން ތަހުގީގު ކުރުން ލަސްކޮށްފިނަމަ، ފަހުން ދިމާވެދާނެ ހުރިހާ ގެއްލުމެއްގެ ޒިންމާ ފުލުހުން ނަގަންޖެހޭނެ... ކޮންމެ މީހެއްގެ ތަނެއް ނަމަވެސް (ކޮންމެ މީހެއްގެ ރިސޯޓެއް ނަމަވެސް) ކުށެއްކުރާނަމަ އެކަން ހުއްޓުވުމަކީ ފުލުހުންގެ ޒިންމާއެއް،" ނިހާނު ވިދާޅުވި އެވެ.
ގާސިމްގެ ރިސޯޓްތަކަށް އެރި ކަސްޓަމްސް އާއި ފުލުހުންގެ އޮފިސަރުންގެ ނަންތައް ވިލާ ކުންފުނިން އާއްމުކޮށްފައިވާތީ ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ނަންތައް އާއްމުކުރި މައްސަލަ ތަހުގީގު ކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިލާ ކުންފުނީގެ ގާނޫނީ ވަކީލުން ޖެނުއަރީ 23 ވަނަ ދުވަހު ނެރެފައިވާނޫސްބަޔާނުގައި އެ ކުންފުނީގެ މުދާ ގާނޫނާ ހިލާފަށް ގެންދިއުމުގައި ފުލުހުން ބައިވެރިވި ކަމަށް ބުނެ އަދި އެ ކުންފުންޏާއި ދެކޮޅަށް ހިންގި ޖަރީމާއެއްގައި ފުލުހުން ބައިވެރިވި ކަމަށް ތުހުމަތުކޮށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެކަން ތަހްގީގުކުރުމަށް ބާރު އަޅައި ހިއްސާކޮށްފައިވާ ބަޔާނުގައި، ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު އާންމުކޮށްފައިވާތީ އެ އަމަލު އެ މުއައްސަސާ އިން ކުށްވެރިކުރާ ކަމަށެވެ.
މި އަމަލަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފުން ގާނޫނު ތަންފީޒް ކުރުމަށް ކުރަމުން ގެންދާ ގާނޫނީ މަސައްކަތްތަކަށް ހުރަސް އެޅުމަށާއި ނުފޫޒު ފޯރުވުމަށާއި ބިރުދެއްކުމަށް ހިންގި އަމަލެއް ކަމުގައި އެ މުއައްސަސާ އިން ވަނީ ބަޔާނުގައި ބުނެފައެވެ. އެހެންވެ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާ އިން ވަނީ ބުނެފައެވެ.