ސިޔާސީ ހަރަކާތް ހިންގާ ކަމަށް ބުނެ، ށ. މިލަންދޫގެ ބަންޑާރަ ބިމެއް، ފުލުހުން އަތުލައިފިއެވެ.
ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އެ ބިމަކީ އިދިކޮޅު ހަރަކާތް ހިންގުމަށް ބޭނުންކުރާ ބިމެކެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ އެތަން ގެންދިޔައިރު، އެތަނުގައި އިމާރާތް ކުރަމުން ގެންދިޔައީ ސްޕޯޓްސް ކޮންޕްލެކްސްއެކެވެ. އެ ބިމުގައި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ވެސް ސަރުކާރުން ކަމަށްވެއެވެ.
މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް "ރާއްޖެއެމްވީ"އަށް މިއަދު ވިދާޅުވީ އެތަނުގައި ނޯޓިހެއް ހަރުކުރުމަށްފަހު، އެ ބިމުގައި ހުރި ޓިނާއި ސިމެންތި އެތަނުން ނެރެފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އެތަނަކީ ސިޔާސީ ހަރަކާތް ހިންގާ ތަނެއް ނޫނެވެ.
މިދިޔަ ބުދަ ދުވަހު ފުލުހުން އެތަނުގައި ހަރުކޮށްފައިވާ ނޯޓިހުގައި ބުނެފައި ވަނީ ދެ ދުވަހުގެ ތެރޭގައި އެ ބިން ހުސް ކުރުމަށް އަންގާ ކަމަށެވެ. ފުލުހުން ދީފައިވާ ނޯޓިހުގެ މުއްދަތު ހަމަވުމުން، އިއްޔެ ވަނީ އެ ބިން ހުސްކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މިލަންދޫގެ ބިމަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކަރުގައި އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގި ބިމެކެވެ. ދައުލަތުގެ ބިންތަކުގެ ތެރެއިން އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގުމަށް ދޫކޮށްފައިވާ ބިންތައް ސަރުކާރުން އަތުލަން ފެށި ދުވަސްވަރު، މިލަންދޫގެ އެ ބިން ހުސްކުރުމަށް ހޯމް މިނިސްޓްރީން މިލަންދޫ ކައުންސިލަށް އެންގިއެވެ. މިލަންދޫ ކައުންސިލުން ހޯމް މިނިސްޓްރީއަށް އަންގާފައި ވަނީ އެ ބިމަކީ އެމްޑީޕީގެ ހަރުގެއެއް އަދި ސިޔާސީ ހަރަކާތެއް ވެސް ހިންގާތަނެއް ނޫން ކަމަށެވެ.