އަދާލަތު ޕާޓީގެ ނާއިބު ރައީސް އަދި ގާނޫނީ ވަކީލު އަލީ ޒާހިރާ އެކު، ގާނޫނީ ދެ ވަކީލެއްގެ ސަސްޕެންޝަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އުވާލައިފިއެވެ.
ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށް ބުނެ، ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން ސަސްޕެންޝަން ބުދަ ދުވަހު އުވާލީ ގއ. ވިލިނގިލީ، އެވަރެސްޓް، ޝަޝްމާ އަބްދުއްރައްޒާގާއި އއ. ރަސްދޫ، އުތުރުގެ ޝަހްރާ މޫސާގެ އިތުރުން އަލީ ޒާހިރުއެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، އިލްތިމާސެއް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި 54 ވަކީލެއް ސަސްޕެންޑްކުރިއެވެ. ނަމަވެސް އެ ވަކީލުންގެ ތެރެއިން މައާފަށް އެދުނު ވަކީލުންގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.
ސަސްޕެންޝަން އުވާނުލާ ވަކީލުންގެ ތެރޭގައި ގާނޫނީ ވަކީލު ހުސްނުއްސުއޫދާއި ގާނޫނީ ވަކީލު މަހުފޫޒު ސައީދު ހިމެނިވަޑައިގަންނަވައެވެ. އެ ވަކީލުންނަކީ މައާފަށް އެދިވަޑައިގެންނެވި ބޭފުޅުންނެއް ނޫނެވެ.
ޝަރުއީ ދާއިރާގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ގާނޫނީ ވަކީލުން ތިލަކުރި މައްސަލަތަކުގެ ތެރޭގައި މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ބޭރުން ސުޕްރީމް ކޯޓުން އަމަލު ކުރުން ހިމެނެއެވެ. އަދި އެއް ފަނޑިޔާރަކު ކުރާ މަސައްކަތާ އަނެއް ފަނޑިޔާރުން ނުފޫޒު ފޯރުވުމާއި، ވަކި ގޮތަކަށް ހުކުމް ކުރަން ބަޔަކު ނުފޫޒު ފޯރުވުން ފަދަ ކަންކަން ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާތީ އެކަން ބަލައި ދިނުމަށް ވަކީލުން ފާހަގަކޮށްފައި ވެއެވެ.