އޭޕްރީލް މަސް ނިމުމުގެ ކުރިން ވެނެޒުއޭލާގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އެގައުމުގައި އޮންނަ ސަރުކާރަށް ތާއީދުކުރާ ގާނޫނު ހަދާ މަޖިލީހުން އަމުރުކޮށްފިއެވެ.
ރައީސް ނިކޮލަސް މަޑޫރޯ ވަނީ އެ މަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ރައްޔިތުންނެއް އެއްވި އެއްވުމެއްގައި ހަ އަހަރުގެ އިތުރު ދައުރަކަށް ބައްލަވާ ކަމަށް ވިދާޅުވެފައެވެ.
މަޑޫރޯ ވިދާޅުވީ އެއީ ރަނގަޅު ނިންމެވުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެ ގައުމުގެ އިދިކޮޅު ފަރާތްތައް ވަނީ ބައިބައިވެ ބަލިކަށިވެފައެވެ. އަދި މަޑޫރޯއާ ވާދަކޮށްލުމުގެ ގާބިލުކަން ހުރި ފަރާތްތައް ތިއްބެވީ ޖަލުގައި ނުވަތަ އަމިއްލަފުޅަށް އަރުވާލެއްވިގެން ގައުމުން ބޭރުގައެވެ.
ނަމަވެސް ކުރީގެ ރިޔާސީ ކެނޑިޑޭޓެއް ކަމަށްވާ ހެންރީކޭ ކެޕްރިލޭސް ވިދާޅުވީ ސަރުކާރުގެ މަގުބޫލުކަން ވަނީ ކުޑަވެފައި ކަމަށާއި އިންތިޚާބުގައި ސރުކާރު ބަލިވާނެ ކަމަށެވެ.
ކެޕްރިލޭސް ވެސް ހުންނެވީ، ގަވަރުނަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވިކަމުގެ މައްސަލައެއްގައި ދައުލަތުގެ މަގާމަކަށް ވަޑައިގަތުން 15 އަހަރަށް މަނާކޮށްފައެވެ.
އެއީ ސިޔާސީ ދައުވާއެއް ކަމަށާއި އެފަދަ ކަމެއް ކުރައްވާފައިނުވާނެ ކަމަށް ކެޕްރިލޭސް ވަނީ ވިދާޅުވެފައެވެ.
މަޑޫރޯ ވަނީ ރިޔާސީ އިންތިޚާބުގެ ވޯޓް އިދިކޮޅު ފަރާތްތަކާ އެކުވިޔަސް ނުވަތަ އެފަރާތްތަކާ ނުލައި ވިޔަސް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.