ޒުވާން އަންހެން ކުއްޖަކު މާލޭގައި ރޭޕްކުރިކަމުގެ ތުހުމަތުގައި ގދ. ތިނަދޫ އިން ހައްޔަރު ކުރި ޒުވާނާގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުން ޖަހައިފިއެވެ.
ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މި މަހުގެ 6 ވަނަ ދުވަހު ގއ. ތިނަދޫ އިން ހައްޔަރު ކުރީ ގދ. ތިނަދޫ، ދެކުނުގޭ، ހަސަން ފާއިޒުއެވެ. އޭނާއަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ކޮއްކޮއެވެ.
ހަސަން ހައްޔަރު ކުރުމަށް ފަހު، ޖެހިގެން އައި ދުވަހު، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގުމަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ. އޭނާ ބަންދުގެ މުއްދަތު ހަމަވާތީ، މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އިތުރު 10 ދުވަސް ބަންދަށް ޖަހައިދީފައެވެ.
ހަސަންގެ މައްޗަށް ތުހުމަތު ކުރަނީ ޒުވާން އަންހެން ކުއްޖަކު އޭނާ މަސައްކަތް ކުރާ ތަނަށް ގެންގޮސް ރޭޕްކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ ފެންމަތިވީ ހަސަންގެ ރޭޕްގެ ޝިކާރައަކަށްވީ ކަމަށް ބުނާ އަންހެން ކުއްޖާ އައިޖީއެމްއެޗަށް ގޮސް، ފަރުވާ ހޯދުމަށް ފަހު، ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުންނެވެ. ރޭޕްގެ ޝިކާރައަކަށްވީ ކަމަށް ބުނާ އަންހެން ކުއްޖާގެ މެޑިކަލް ރިޕޯޓުތައް އައިޖީއެމްއެޗުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ހަސަންގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާ ވަނީ ރާއްޖެޓީވީއަށް އިންޓަވިއު ދީފައެވެ. ހަސަން ބުނެފައި ވަނީ އަންހެން ކުއްޖާގެ ހަށިގަނޑުން އޭނާގެ ޑީއެންއޭ ނުފެންނާނެ ކަމަށާއި އަޅުވާފައި ވަނީ ދޮގު އިލްޒާމެއް ކަމަށެވެ.