ދިރާގުގެ ބޯޑަށް ފިޝަރީޒް މިނިސްޓްރީގެ ނާއިބު އަހުމަދު ހާފިޒު އައްޔަން ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ ހާފިޒު އެ ބޯޑަށް އައްޔަން ކުރެއްވީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ދިރާގުގެ ބޯޑަށް ހާފިޒު އައްޔަން ކުރީ، އެ ކުންފުނީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު މުހައްމަދު މިދިޔަ އޮގަސްޓް މަހު އެ މަގާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ. އަހުމަދު މުހައްމަދު އެ މަގާމުން ވަކިކުރެއްވި ސަބަބެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އަހުމަދު މުހައްމަދަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ބޭބެއެވެ. މިވަގުތު ޝާހު މަސައްކަތް ކުރައްވަމުން ގެންވަނީ ގުޅިފައިވާ އިދިކޮޅު ކޯލިޝަނާއެކުގައެވެ.
މަސްވެރިކަމުގައި ދާއިރާގައި ހާފިޒް ޚިދުމަތްކުރައްވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެއެވެ.