ވިލާ ގްރޫޕުގެ ރިސޯޓުތަކަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޓީމެއް އެރި މައްސަލައިގައި, ކަސްޓަމްސް އޮފިސަރުންގެ މައުލޫމާތު މީޑިއާގައި އާންމުކޮށްފައި ވާތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ކަސްޓަމްސް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަސްޓަމްސްގެ އޮފިސަރުންގެ ފަރުދީ މައުލުމާތު އާންމު ކުރުމަކީ ކަސްޓަމްސްގެ އޮފިސަރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމުގެ ގޮތުން ކުރި އަމަލެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ އަމަލު އެ ސާވިސްއިން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، ކަސްޓަމްސްގެ އޮފިސަރުންނާ އެކު ރިސޯޓުތަކަށް އެރި ފުލުހުންގެ މައުލޫމާތު ވެސް އާންމުކުރި މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
ކަސްޓަމްސް އިން ބުނީ ވިލާ ގްރޫޕުގެ ރިސޯޓުތަކަށް ކަސްޓަމްސްގެ އޮފިސަރުން އަރާފައި ވަނީ ދޮގު މައުލޫމާތުގެ މައްޗަށް ހިމެނޭ ކަންތައްތަކެއް ހުށަހަޅައި، ކޯޓު މެދުވެރިކޮށް ގާނޫނާ ހިލާފު އަމުރެއް ހޯދައިގެން ކަަމަށް ބުނެ، މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އޮޅުވާލުމުގެ ގޮތުން ވިލާ ޝިޕިން އިން ކުރަމުންދާ މަސައްކަތް ކަސްޓަމްސް އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ވިލާ ޝިޕިންގެ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ އަމަލަކީ އެ ކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށް ތުހުމަތުކޮށް، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް އެ މައްސަލަ ހުށަހެޅުމުން، ކަސްޓަމްސްގެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އެކަން ތަހުގީގު ކުރުމަށް ބާރު އަޅައި ހިއްސާކޮށްފައިވާ ބަޔާނުގައި ވަކިވަކި ކަސްޓަމްސް އޮފިސަރުންގެ ފަރުދީ މައުލުމާތު މީޑިއާގައި އާންމުކޮށްފައިވާތީ، މި އަމަލު މި އޮފީހުން ކުށްވެރިކުރަމެވެ،" ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.
ވިލާ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިސޯޓުތަކަށް އަރައި މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކުރުވައި، ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވާޖިބެއް ކަމަށެވެ. އެހެންވެ އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވިލާގެ ބަޔާނުގައިވެއެވެ. ވިލާއިން ވަނީ 44 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް އާއްމުކޮށްފައެވެ.