ވިލާ ގްރޫޕުން ދައުލަތަށް ދައްކަންޖެހޭ 2.9 ބިލިއަން ރުފިޔާއަކީ މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީގެ 13.3 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 78.6 މިލިއަން ރުފިޔާ ވިލާ ޝިޕިން އެންޑް ޓްރޭޑިންއިން ދައުލަތަށް ދައްކަންޖެހޭ ކަމަށެވެ. އެ ފައިސާ ދައްކާފައި ނުވާއިރު، ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 291.4 މިލިއަން ރުފިޔާ ވެސް އެ ކުންފުނިން ދައްކައި ހަލާސްކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އެހެންކަމުން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ޖުމްލަ 369.5 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވެއެވެ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 20 އިންސައްތައެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ވިލާ ގްރޫޕުން ދައުލަތަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާ ކަަމަށާއި އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ބޮޑެތި ފައިސާގެ އަދަދުތައް ދައުލަތަށް ނުދެއްކުމަކީ ފިނޭންސް މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ދައުލަތަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ނުލިބި ދިގުލައި ދާނަމަ، އޭގެ ސަބަބުން ދައުލަތަށް ދޭ ހިދުމަތްތަކާއި މަޝްރޫއުތަކަށް ދައްކަންޖެހޭ ފައިސާ އަދާކުރުމުގައި ދައުލަތަށް ދަތިތައް ދިމާވެ، ގެއްލުންތައް ކުރިމަތިވަމުން ދާތީ މިކަމާ މެދު މި މިނިސްޓްރިން ނުހަނު ކަންބޮޑުވެއެވެ،" ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ފިނޭންސްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވިލާ އިން ނުދައްކައި ހިފަހައްޓާފައިވާ ޖީއެސްޓީ އަދި ގްރީން ޓެކްސްއަކީ ފަތުރުވެރިން ދައްކާފައިވާ ޓެކްސްތަކެއް ކަމަށް ވުމުން، އެއީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެހެންކަމުން އަމާނާތްތެރިކަމާ އެކު އެ ފައިސާ ހަވާލު ކުރުމަކީ ޓެކްސް ދައްކާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ފިނޭންސުން ބުންޏެވެ.