ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޤާނޫނީ ހަމަތަކުގެ މަތިން އުވިއްޖެއެވެ.
ޕީޕީއެމް އުވިފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، އެ ޕާޓީގެ ޤައުމީ ބައްދަލުވުން ބާއްވާފައި ނުވާތީއެވެ.
ޤާނޫނު ނަންބަރު 2013/4، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، އެ މާއްދާގައި ބުނާ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެ ނަމަ، އިލެކްޝަންސް ކޮމިޝަނުން އެ ސިޔާސީ ޕާޓީއެއް އުވާލަން ވާނެ ކަމަށެވެ. މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން 4 ވަނަ ކަމެއްގެ ގޮތުގައި ވަނީ، "5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު ޕާޓީގެ ޤައުމީ ބައްދަލުވުމެއް ނުބޭއްވުން" އެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 3 ފަހަރެއްގެ މަތިން އިސްލާހު ގެނެސްފައިވާއިރުވެސް، މިހާތަނަށް މި މާއްދާގެ މި ބަޔަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ވެރިކަންކުރާ ޕީޕީއެމްގެ ޤައުމީ ބައްދަލުވުމެއް، ނުވަތަ އެ ޕާޓީގެ ކޮންގްރެސްއެއް އެންމެ ފަހުން ބާއްވާފައިވަނީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 އިން 19 ވަނަ ދުވަހަށެވެ. އޭގެ ފަހުން އެ ޕާޓީގެ ޤައުމީ ބައްދަލުވުމެއް ބާއްވާފައި ނުވާއިރު، ޤާނޫނުގައި ބުނާ ފަސް އަހަރު، ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
އެހެންކަމުން، ޤާނޫނުގައި ވާގޮތުން ޕީޕީއެމް މިހާރު އުވިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމަން ޖެހެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތަކާއި ގުޅިގެން، ޕާޓީއެއް އުވާލައިފިނަމަ، އެ ޕާޓީއެއްގެ ނަން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް، 7 ދުވަހުގެ ތެރޭގައި ކޮމިޝަނުން އެކަން އާންމުކޮށް އިޢުލާނުކުރަން ޖެހޭނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ޕީޕީއެމް އުވުނުތާ ހަފްތާއެއް ވާން ގާތްވެފައިވާއިރު، އެ ޕާޓީގެ ނަން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އަދި އުނިކޮށްފައެއް ނުވެއެވެ. އަދި ޤާނޫނާއި އެއްގޮތަށް އެފަދަ ނިންމުމެއް ނިންމިކަން އިލެކްޝަން ކޮމިޝަނުން އިޢުލާނުކޮށްފައެއްވެސް ނުވެއެވެ.
ޕީޕީއެމްއަށް މިފަދަ ހާލަތެއް ދިމާވިއިރު، މިފަދަ ހާލަތަކަށް ޕާޓީ ހިނގައިދާނެ ކަމުގެ އިޝާރާތެއް އެ ޕާޓީން އިލެކްޝަން ކޮމިޝަނަށް ކޮށްފައިވާކަން މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާކަން އިލެކްޝަން ކޮމިޝަނުންވެސް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އުވިގެން ދިޔައީ ސަރުކާރު ހިންގާ ޕާޓީ ކަމަށް ވެފައި، ސަރުކާރުގެ މުއައްސަސާތަކާއި، މިނިވަން މުއައްސަސާތަކުގެ މައްޗަށްވެސް ޕީޕީއެމްއާއި ސަރުކާރުގެ ބޮޑު ނުފޫޒެއް އޮންނާތީ، ޤާނޫނުގައި ވާގޮތަށް ޕީޕީއެމް އުވާނުލުމަށް އިލެކްޝަން ކޮމިޝަނުން ކޮންމެވެސް ހުއްޖަތެއް ދައްކާނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޕީޕީއެމްގެ ޤައުމީ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވުމަށް އެ ޕާޓީގެ އިންތިޚާބީ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް 2015 ވަނަ އަހަރު އެ ޕާޓީގެ ކައުންސިލަށް އެންގެވި ނަމަވެސް، އެ އަހަރަކީ މިނިވަން 50 ފާހަގަކުރަމުންދިޔަ އަހަރުކަމުން، ޤައުމީ ބައްދަލުވުން ފަސްކުރުމަށް އޭރު ވަނީ ނިންމާފައެވެ. އަދި 2016 ވަނަ އަހަރު ޕާޓީގެ ޤައުމީ ބައްދަލުވުން ނުބޭއްވެނިސް ޕާޓީގެ އެތެރޭގައި މައްސަލަތަކެއް ޖެހި، ރައީސް މައުމޫން ޕާޓީއިން އެކަހެރިކޮށް، އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް ނޯންނަ ރަމްޒީ މަޤާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ޕާޓީގެ މުސްތަޝާރުގެ މަޤާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޯޓު މެދުވެރިކުރައްވައި ޕާޓީ ހިންގުމާއި ހަވާލުވެވަޑައިގެންނެވިއެވެ.