ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 05:27
އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަރސަން
އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަރސަން
ވީއޯއޭ ނިއުސް
އެމެރިކާ - ސީރިޔާ
ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން
ރަޝިއާ އަކީ ސީރިޔާގެ ދާހިލީ ހަނގުރާމައިގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ގައުމެއް

ފަހުގެ ތާރީޚުގައި ސީރިޔާ ސަރުކާރުން އެގައުމުގައި ދީފައިވާ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ވިދާޅުވެއްޖެއެވެ.

ޓިލަރސަން ވިދާޅުވީ ސީރިޔާގެ އިރުމަތީ ގޫޓާ އަދި އެހެނިހެންވެސް އެކި ސަރަހައްދުތަކުގައި ފަހަކަށް އައިސް ދީފައިވާ ކެމިކަލް ހަމަލާތަކުގައި މަރުވެ ދިޔަމީހުން މަރުވެ ދިޔައީ ރަޝިއާގެ ސަބަބުން ކަމަށެވެ. ޓިލަރސަން އިތުރަށް ވިދާޅުވީ ސީރިޔާގެ މައްސަލައިގައި އދ ސެކިއުރިޓީ ކައުންސިލުގައި ނަގާ ވޯޓުތައް ވީޓޯ ކުރުމުން ރަޝިއާއިން ދުރުވާން ޖެހޭ ކަމަށެވެ. އެންމެ ކުޑަމިނުން ވޯޓުތަކުގައި ރަޝިއާ ބައިވެރިނުވުންވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

ޓިލަރސަން މިމޭރުމުން ވާހަކަފުޅުދެއްކެވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ކެމިކަލް ހަތިޔާރާ ބެހޭ ކޮންފަރެންސްއަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ރަޝިއާ އަކީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ގައުމެކެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ދޭތެރެދޭތެރެއިން ކެމިކަލް ހަމަލާތައް އަންނަނީ ދެމުންނެވެ. އެގޮތުން އެންމެ ފަހުން ދިން ހަމަލާ އަކީ މިދިޔަ ހޯމަ ދުވަހު އިރުމަތީ ގުޓާއަށް ދިން ހަމަލާއެވެ. އެއީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ފަރާތްތަކުގެ ބާރުގެދަށުގައި އޮންނަ ސަރަހައްދެކެވެ. ހޯމަ ދުވަހު ދިން ހަމަލާ އާއި ބެހޭގޮތުން "ދަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ބުނެފައި ވަނީ ކްލޮރިން ގޭސް ބޭނުންކޮށްގެން ދިން ހަމަލާގައި މަދުވެގެން 13 މީހަކު މަރުވެފައިވާ ކަމަށެވެ. 

މިދިޔަ އަހަރު އޭޕްރީލް މަހުވެސް ސީރިޔާ ސަރުކާރުން ވަނީ ކެމިކަލް ހަމަލާއެއް ދީފައެވެ. އޭޕްރީލް މަހު ސީރިޔާ ސަރުކާރުން އެގައުމުގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ވަނީ ސީރިޔާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި ސީރިޔާ ސަރުކާރަށް އަޅާ އާންމުވެގެންވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސީރިޔާ ސަރުކާރުގެ އެޖެންސީއެއްގެ 271 މުވައްޒަފަކަށް އެމެެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުވެސް ވަނީ އަޅާފައެވެ. ހަލަބަށް އޭޕްރީލް ކުރީކޮޅު ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން މަދުވެގެން 80 މީހުން މަރުވެ 557 މީހުންނަށް ފަރުވާ ދޭންޖެހިފައިވެއެވެ.

- ކޮމެންޓް