ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެޕާޓީގެ ޕްރައިމަރީއަކާ ނުލައި އެއްވެސް މީހަކަށް ނުދެވޭނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕަރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެ ކަމަށް އެޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވަމުންދާ ދުވަސްވަރެއްގައި ރައީސް މައުމޫން މިހެން ވިދާޅުވީ "ޕީޕީއެމް ހުއްޓުމަކަށް" މި ނަމުގައި ރާއްޖެ ޓީވީން އަންގާރަ ދުވަހުގެ ރޭ ގެނެސްދިން ޚާއްޞަ ޕްރޮގްރާމަކަށް ފޯނުން ދެއްވި ލައިވް އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޕީޕީއެމް ޤާނޫނީ ހުސް ކަމަށް އައިސްފައިވުމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް މިހާހިސާބަށް މިއައީ ޕީޕީއެމްގެ އަސާސްތަކާއި ޕީޕީއެމްގެ ފިކުރާ ޕީޕީއެމްގެ މަޤްސަދުތަކާ ޚިލާފަށް ޕީޕީއެމްގެ ބައެއް މެންބަރުން ޢަމަލް ކުރައްވާތީ އެއަމަލްތައް އިސްލާހް ކުރުމަށް ރައީސް އެމަނިކުފާނު މަސައްކަތް ކުރެއްވުމުން އެކަމަށް ހުރަސްއަޅުއްވައި ކަންކަން ކުރެއްވުމުން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ ވަރަށް ހަރުދަނާ އުސޫލުތަކެއް ޤަބޫލް ކުރާ ޕާޓީއެއް ކަމަށާއި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ތަން ނުދިނުމާއި ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރި ކުރުމާ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޑިމޮކްރެޓިކް ރީތި އުސޫލުތައް ދެމެހެއްޓުމުގެ އިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ހުރިހާ ކަމެއްވެސް ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ރާވާ ހިންގުމާ ރާއްޖޭގެ ފަޅުތަކާއި ރަށްރަށާ އެހުރިހާ މުއްސަނދިކަމަކީ ދިވެހިރައްޔިތުންގެ ހައްޤެއްކަމާ އެހައްގު އިންސާފްވެރިކަމާ މިނިވަންކަމާއެކު ލިބިދޭން ޖެހޭނެކަން ފަދަ ވަރަށް ގިނަ ހަރުދަނާ އުސޫލްތަކަކާއި ފަލްސަފާއެއްގެ މައްޗަށް އުފެއްދި ޕާޓީއެއް ކަމަށެވެ.
"މިއާ ޚިލާފަށް ބަޔަކު މީހުން މަސައްކަތް ކުރީމާ ޕާޓީ އެތެރޭން އެއޮންނަ ރީތި އުސޫލުން މަޝްވަރާ ކުރީމާ . މިސާލަކަށް ކައުންސިލަށް ހުށަހަޅައިގެން ނިންމަން ޖެހޭ ކަންކަން ކައުންސިލަށް ހުށަނާޅާ އަމިއްލަ އަމިއްލައަށް ނިންމައި ތަކުރާރުކޮށް އެވާހަކަ ސިޓީން ދެންނެވީމާ އެއަށް ޢަމަލް ނުކުރެއްވުމާ ފަހުން އަޅުގަނޑު އެއިސްލާހަށް މަސައްކަތް ކުރާތީ އަޅުގަނޑު ހުރީމާ އުނދަގޫވެގެން ޕީޕީއެމްގެ ދެމެންބަރުން ލައްވައި ޝަރީޢަތަށް ގޮސް އަޅުގަނޑަށް ޕާޓީ ނުހިންގުނޭ ކިޔާފައި ދައުވާކޮށް، އެހެންގޮސް ޕާޓީގެ ހިންގުން އެހެންފަރާތަކަށް ޙަވާލް ކުރީ"
މިހުރިހާ ކަމަކީ ސާފުކޮށް ދަންނަވަންޏާ ޤާނޫނާ ޤަވާއިދާ ހަމަޖެހިފާވާ އުސޫލާ ޚިލާފަށް ހިނގާފައިވާ ކަންތައްތައް. އެހެންވެ މިއަދު މިއޮތް ހާލަތަށް ޕީޕީއެމް ދިޔައީ" ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ މަޤާމްތަކުގައި މިއަދު ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވެއްޖެ ކަމަށާއި އެދައުރު ހަމަވުމާ ހަމައަށް ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް އެމަޤާމްތަކަށް ބޭފުޅުން އައްޔަން ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެބޭފުޅުންގެ މަޤާމްގެ އެއްވެސް ހައިސިއްޔަތެއް މިހާރު ނޯންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވާ ރައީސް މައުމޫންވިދާޅުވީ މިހާރު ވެރިކަން ކުރައްވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ޤަވާއިދާ ވެސް ޚިލާފަށް ކަމަށާއި ޕާޓީގެ މަޤްސަދާވެސް ޚިލާފަށް ކަމަށެވެ. އެގޮތުން ކޮރަޕްޝަން ބޮޑުވެ ހައްދު ފަހަނައަޅާ ގޮސްފައިވާކަން ރައީސް މައުމޫން އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދެއްވަން އުޅުއްވާ އުޅުއްވުމާ ގުޅޭގޮތުން އެކަން އެގޮތަށް ކުރެއްވިދާނެތޯ ރާއްޖެ ޓީވީން ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ އެގޮތަށް ޓިކެޓެއް ނުދެވޭނެ ކަމަށެވެ. އަދި އެއީ ޕާޓީގެ އަސާސީ ޤަވާއިދާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.