އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީ އަލީ ނިޔާޒު އަންގާރަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ބުދަ ދުވަހު (މާދަމާ) ހާޒިރުވުމަށް ޗިޓް ހަވާލުކޮށް ނިޔާޒު ފޮނުވާލައިފިއެވެ.
ފުލުހުން ތަހުގީގް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ނިޔާޒު ފުލުސް އޮފީހަށް ފުރަތަމަ ހާޒިރު ކުރީ އަންގާރަ ދުވަހުގެރޭ 10:00 އަށެވެ. އެއަށް ފަހު ބުދަ ދުވަހު ގާނޫނީ ވަކީލަކާއި އެކު ހާޒިރުވުމަށް ނިޔާޒަށް ވަނީ އަންގާފައެވެ.
ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން ނިޔާޒު ވިދާޅުވީ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދޭ ހައްގެއް ކަމަށެވެ. ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ޗިޓްގައި މައްސަލައިގެ ޚުލާސާގެ ގޮތުގައި ބުނެފައި ވަނީ ފުލުހުން ނިޔާޒު ހާޒިރު ކުރަނީ މިމަހުގެ 19 ވަނަ ދުވަހު ބަޔަކު އިސްނަގައިގެން ހުއްދަ ނުނަގައި އެއްވުން މަނާ ސަރަހައްދަކަށް އެއްވެ އިހްތިޖާޖް ކުރިކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
މި މައްސަލާގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާ، ރައްޔިތުންގެ މަޖިލީހުގެ އާދާމް އާޒިމާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ހަސަން (ހަސަންޓޭ) ވެސް ވަނީ ބުދަ ހާޒިރުކޮށްފައެވެ.