ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައި ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލުމުގައި ތުހުމަތު ކުރެވޭ އެންމެ އިސް މީހާ ޕާކިސްތާނު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ޒައިނަބު އަންސާރީ މަރުވެފައިވާ އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދާތާ ދުވަސްތަކެއް ފަހުން ޖެނުއަރީ 9 ވަނަ ދުވަހު ކުނިގޮނޑަކަށް އެއްލާލާފައި އޮއްވައެވެ.
ޒައިނަބުގެ އޯޓޮޕްސީން ހާމަވެގެން ދިޔައީ އޭނާ މަރާލައިފައި ވަނީ ރޭޕްކޮށް އަދި ނޭވާހާސްކޮށްލައިގެން ކަމެވެ.
އުމުރުން ހަތް އަހަރުގެ ޒައިނަބު ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ ޖެނުއަރީ ހަތަރު ވަނަ ދުވަހު އޭނާ ގުރުއާން ކުލާހަށް ދިޔަ މަގުމަތީގަ އެވެ. އަދި ގުރުއާން ކުލާހަށް އެކުއްޖާގެ އަތުގައި ހިފައިގެން ފިރިހެނަކު ދާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް ފުޓޭޖެއް ޒައިނަބުގެ މަރުގެ ފަހުން ވަނީ އާންމުވެގެން ގޮސްފައެވެ.
ޒައިނަބު މަރާލައި އަދި ރޭޕްކުރުމުގައި ބައިވެރިކަމަށް ތުހުމަތު ކުރެވޭ އެންމެ އިސްމީހާ ހައްޔަރުކުރި ކަން ކަށަވަރު ކޮށްދެމުން ޕާކިސްތާނު ފުލުހުންގެ އޮފިޝަލަކު އަލް ޖަޒީރާއަށް ވިދާޅުވީ ޒައިނަބުގެ މަރާ ގުޅިގެން ހައްޔަރު ކުރި މީހާ އަކީ ޒައިނަބު ދިރިއުޅުނު ސަރަހައްދުގައި އުޅުނު މީހެއް ކަމަށެވެ. އަދި އެމީހާ ވަނީ ޒައިނަބު މަރާލި ކަމަށް އެއްބަސްވެފައި ކަމަށް ޕާކިސްތާނު ފުލުހުން ބުނެއެވެ.
ޒައިނަބުގެ މަރާ ގުޅިގެން ޒައިނަބު ދިރިއުޅެމުން ދިޔަ ކަސޫރު ސިޓީގައި ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ވެސް ކުރިއެވެ. އަދި އެ މުޒާހަރާތަކުގައި މަދުވެގެން ދެ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ. ކަސޫރު ސިޓީގައި ޒައިނަބުގެ މަރުގެ ހާދިސާ ފަދަ 11 ހާދިސާއެއް ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގާފައިވެއެވެ.