އަދާލަތު ޕާޓީގެ ރައީސް ކަމުގައި ހުންނަވަނިކޮށް ޖަލަށްލާފައިވާ ޝެއިހް އިމްރާން އަބުދުﷲ މިހާތަނަށް ވެސް ޖަލުގައި އެ ހުންނެވީ އިސްލާމް ދީނާއި މި ގައުމުގެ ހައްގުގައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ޝެއިހް އިމްރާނަށް ޖަލު ހުކުމް އިއްވިތާ 1000 ދުވަސް ފުރުން ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި އެއްވުމުގައި އަލީ ޒާހިރު ވިދާޅުވީ ޝެއިހް އިމްރާނަށް ވެސް ޖަލުން ސަލާމަތްވެވޭނެ ގޮތްތައް އޮތް ކަމަށެވެ. ނަމަވެސް އިމްރާން އެ ގޮތް ބޭނުންފުޅު ނުވީ ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތުގައި ފަސްޖެހެން ބޭނުންފުޅު ނުވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ އިމްރާން ޖަލުގައި އޮންނަވާތާ 1000 ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އިމްރާންގެ ކިބައިން ހިތްވަރު ލިބިގެން ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅު ހެދުމުގައި ސާބިތުވެ ތިބުން ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ އިމްރާން ޖަލަށްލާފައި ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގު ބޭނުން ކޮށްފައިވާތީ އެވެ. އަދި މިއަދު ވެސް އެ އަނިޔާވެރިކަން ދަނީ ފެންނަމުން ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ދައްކާ ބިރަކަށް އެ ބޭފުޅުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.