ޕީޕީއެމްގެ ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ ޤާނޫނީ މުއްދަތު ހަމަވެފައިވާތީވެ ޕާޓީގެ ހިންގުން ހުއްޓޭނެ ކަމަށް ވިދާޅުވެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސަށް އެޑްރެސްކޮށް ރައީސް މައުމޫން ފޮނުވި ސިޓީގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ޤައުމީ ޖަލްސާ ގައި ފާސްކޮށްފައިވާ ޕާޓީ ގެ އަސާސީ ޤަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގައި "ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލު ކުރެވޭގޮތަށް ބާއްވާ އާންމު ޤައުމީ ޖަލްސާއެއް، ކޮންމެ ދޭއް ބައި އަހަރަކުން އެއް ފަހަރު ބާއްވަންވާނެއެވެ." އަދި އެޤަވާއިދުގެ 81 ވަނަ މާއްދާގެ (ހ) ގައި "މިޤަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މިޤަވާއިދުގެ ދަށުން އިންތިޚާބުކުރާ މަޤާމުތަކުގެ މަޤާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ." މިހެން ފާސްކޮށްފައިވާކަމަށެވެ. އެގޮތުން، 17-19 ޖަނަވަރީ 2013 ގައި ބޭއްވުނު ޕީޕީއެމްގެ ފުރަތަމަ ޤައުމީ ޖަލްސާ އިން ފާސްކޮށްފައިވާ ޕީޕީއެމްގެ އަސާސީ ޤަވާއިދާއި އެއްގޮތަށް ޕާޓީ ހިންގުމަށްޓަކައި ކައުންސިލާއި އެންމެހާ ކޮމިޓީތައް އިންތިޚާބު ކޮށްފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އެ ޤައުމީ ޖަލްސާއިން އިންތިޚާބު ކުރެވުން ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ މުއްދަތު، 19 ޖަނަވަރީ 2018 އަށް 5 އަހަރު ހަމަވާނެކަން ފާހަގަކޮށް ސިޓީގައި އިތުރަށް ރައީސް މައުމޫން ވިދާޅުވެފައިވަނީ ޕާޓީގެ ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ ޤާނޫނީ މުއްދަތު ހަމަވާނެތީވެ، ޕާޓީގެ ހިންގުން ހުއްޓޭނެ ކަމަށް ޤަބޫލު ކުރައްވާކަމަށެވެ. އަދި މިކަމުގައި ޕާޓީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތައް ހުރުމާއި އެކު، ޕާޓީ ގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެންނަވާކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ އިންތިޚާބު ކޮމިޓީގެ ދައުރުވެސް ހަމަވާނެތީވެ، ޕާޓީގެ ރިޔާސީ ޓިކެޓު ދޭނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރައިމެރީއެއް ބޭއްވޭނެ ގޮތެއް ވެސް ނެތްކަމަށެވެ. އަދި ޕާޓީގެ ޓިކެޓުގައި ކެންޑިޑޭޓެއް ނެރުމާއި މެދުވެސް ޤާނޫނީ އެތައް ސުވާލު ތަކެއް އުފެދިއްޖެ ކަން ރައީސް މައުމޫން ފާހަގަ ކުރައްވާފައިވެއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ޕާޓީ ވަނީ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ވެޓިފަ އެވެ.
"ވީމާ ޕާޓީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މި ކަންކަން ތިޔަ ކޮމިޝަންގެ ސަމާލުކަމަށް ގެނައީމެވެ." ރައީސް މައުމުން ވިދާޅުވި އެވެ.