ސަރުކާރުން ފެނުގެ ހިދްމަތް ދޭ ރަށްރުގައި ނަގާ އަގު އެއް ހަމައަކަށް ނެގެނެސްފިއެވެ.
އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ މިހާރު މާލެއަށް ފެނުގެ ހިދްމަތް ދޭ އަގުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފެން ލިބެމުންދާނެ ކަމަށެވެ. އެގޮތުން ޖެނުއަރީ މަސް ނިމިގެން ތައްޔާރުކުރާ ބިލްތަކުގައި އޮންނާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެއް ޓެރިފެއް ކަމަށް ތޯރިގް ވިދާޅުވިއެވެ.
"މިހާރު ރަށްރަށުގައި 100 އަށްވުރެ ދަށް ފެނުގެ ލީޓަރެއްގެ ރޭޓަކީ 65ރ.، މިހާރު ބަދަލުވެގެން މިދަނީ 22ރ. އަށް. 101 ލީޓަރުން 200 ލީޓަރާ ހަމައަށް 75ރ.، މިހާރު 70ރ. އަށް. 201 ލީޓަރުން މަތި 100ރ.، މިހާރު 95ރ.، މިއީ މިހާރު މާލޭގެ ވެސް ރޭޓްތައް،" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ މިބަދަލަކީ ވަރަށް ހެޔޮ ބަދަލެއް ކަމަށާއި ފެނާއި ކަރަންޓްގެ ހިދްމަތުން ނަގާ އަގު މާލެއަށް ވުރެ ރަށްރަށުން ނަގާ އަގުތައް ބޮޑު ކަމަށް ވަރަށް ގިނަ ފަރާތްތަކުން އަބަދު ވެސް ފާހަގަކުރާ ކަމަށެވެ.
ތޯރިގް ވިދާޅުވީ އަސާސީ ހިދުތަމްތުގެ އަގުތަކުގައި ތަފާތު ކުރުން ގެންގުޅޭތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު އަންނަމުންދާ ކަމަށާއި އެގޮތުން މިހާރު ފެނުގެ ހިދުމަތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ނަގަމުންދާނީ އެއް ޓެރިފެއް ކަމަށެވެ.
ފެނުގެ އިތުރުން ސަރުކާރުން ވަނީ ކަރަންޓްގެ ޓެރިފްސްތައް ވެސް އެއް ހަމައަކަށް ގެނެސްފައެވެ.