ފަތުރުވެރިއަކަށް ހިދުމަތެއް މެދުކެނޑޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ކުރުމަކީ ރަގަޅު ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވިއެވެ.
ވިލާ ގްރޫޕުގެ ރިސޯޓްތަކަށް ކަސްޓަމްސް އިން އަރާ ބައެއް ރިސޯޓްތަކުގެ ބަނގުރާ ސްޓޮކް ހިފެހެއްޓި މައްސަލައާ ގުޅިގެން ރާއްޖެއެމްވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޒީރު ވިދާޅުވީ، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ބޭނުންވާ އެއްވެސް ހިދުމަތެއް މެދުކެނޑުމަކީ އޭގެ ގެއްލުން މުޅި ގައުމަށް ކުރާނެ ކަމެއް ކަަމަށެވެ. އަދި ފަތުރުވެރިން ރާއްޖެއަށް އަންނަނީ ވަކި ކަންކަމަށް އެއްބަސްވެގެން ކަމަށާއި ރިސޯޓްތަކުން ފޯރުކޮށްދޭނެ ކަމަށް ކަނޑައަޅާފައިވާ ހިދުމަތްތައް އެ ރިސޯޓްތަކުން ނުލިބުމަކީ މުޅި އިންޑަސްޓްރީއަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް ނަޒީރު ވިދާޅުވިއެވެ.
"ކޮންމެހެން ރަލޭ ކިޔުއްވާނެ ކަމެއް ނެތް. ހުރިހާ ހިދުމަތެއް ވެސް މީގެ ތެރޭގައި ހިމެނޭ. ޓޫރިސްޓުން ރާއްޖެއަށް އަންނަނީ ވަކި ޕްރޮމިސްތަކެއް ކޮށްގެން. އެޕްރޮމިސްތައް ޑެލިވަރ ނުކުރެވިއްޖެ ނަމަ އޭގެ ގެއްލުންވާނެ މުޅި ގައުމަށް ވެސް،" ނަޒީރު ވިދާޅުވިއެވެ.
ނަޒީރު މިހެން ވިދާޅުވެފައިވާ އިރު ވިލާ ގްރޫޕަކީ މަޓީގެ މެންބަރެކެވެ. މަޓީއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދޭ ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.
ނަޒީރު ވިދާޅުވީ، 2011 ވަނަ އަހަރު ބަނގުރާ ގެންގުޅުމުގެ ގަވާއިދެއް އެކުލަވާލާފައިވާ އިރު މި ގަވާއިދުގެ މާބޮޑު މައްސަލަތަކެއް މީގެ ކުރިން ދިމާވެފައިނުވާ ކަމަށެވެ. އަދި މިހާތަނަށް ފެންމަތިވެފައި ވަނީ އެންމެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީން އެކުލަވައިލި މި ގަވައިދަށް ފުރިހަމައަށް ތަބާވަމުން އަންނަ ކަން މިކަމުން ވެސް އެނގޭ ކަަމަށް އޭނާ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާންމުކޮށްފައިވާ ބަނގުރަލާއި އޫރުމަހުގެ ގަވާއިދުގައި ވަނީ އިމްޕޯޓް ކުރެވޭނެ ފަރާތްތަކާއި ކަސްޓަމްސް ސާރވިސްއަށް ހުއްދަ ހުށަހެޅުމާއި ހުއްދަ ދެވޭނެ ފަދަ މުއްދަތުތައް ވެސް ކަނޑައަޅާފައެވެ.
ވިލާ ގްރޫޕްގެ ބައެއް ރިސޯޓްތަކުގައި ގަވައިދާ ހިލާފަށް ބަނގުރާ ވިއްކަމުންދާ ކަމަށް ބުނެ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބަލަމުންދާ މައްސަލައާ ގުޅިގެން ވިލާ ގްރޫޕްގެ ގާނޫނީ ވަކީލް ހިސާން ހުސައިން މީގެ ކުރިން ވިދާޅުވެފައި ވަނީ ބަނގުރާ ގެނައުމާ ގެންގުޅުމާއި ވިއްކުމުގެ ގަވައިދުގެ ދަށުން، ބަނގުރާ ވިއްކުން މަނާ ތަންތަން ކަނޑައަޅާފައިވާ އިރު ގެންގުޅޭނެ އިޖުރާއަތްތައް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށް ވިލާގެ އެއްވެސް ރިސޯޓަކުން ބަނގުރާ އެތެރެކޮށްފައި ނުވާނެ ކަަމަށް ހިސާން ވިދާޅުވިއެވެ.
ކަސްޓަމްސް އިން މި މައްސަލަ ބަލަމުންދާ އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެރެކުރުމަށް 14 ދުވަހުގެ ވަގުތީ ހުއްދައެއް ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވަގުތީ ހުއްދައެއް ދިނުމަށް އެ މިނިސްޓްރީން ނިންމީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އަދިވެސް އެހެނިހެން ސްޓޭކްހޯލްޑަރުންނާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ. އެގޮތަށް ނިންމީ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.