އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން ދެމުންދާ ކަރަންޓްގެ ހިދުމަތުގެ އަގު ސްޓެލްކޯ އިން ދެމުންދާ އަގަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަދަލުކޮށްފައި ވަނީ ހަމައެކަނި 400 ޔުނިޓުން ދަށުގެ ޓެރިފްތައް ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ. ތޯރިގް ވިދާޅުވީ މިބަދަލާ ގުޅިގެން 400 ޔުނިޓާ ހަމައަށް ނުވަތަ 400 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުންކުރާ ފަރާތްތަކުގެ ކަރަންޓް ބިލުން 400ރ. ގެ ކުޑަވުމެއް އަންނާނެ ކަމަށެވެ.
"މިބަދަލާ ގުޅިގެން 100 ޔުނިޓުން ދަށް، ކުރިން ނަގަމުންދިޔަ ރޭޓަކީ 2.2ރ، މިބަލަދާއެކު 1.5ރ އަށް ބަދަލުވާނެ. 101 ޔުނިޓުން 200 ޔުނިޓާ ހަމައަށް ކުރިން ނަގަމުންދިޔަ ރޭޓަކީ 2.75ރ، މިބަލަދާ އެކު 1.7ރ އަށް ބަދަލުވާނެ. 201 ޔުނިޓުން 300 ޔުނިޓާ ހަމައަށް ކުރިން ނަގަމުންދިޔައީ 3.4ރ.، މިހާރު ނަގަމުން މިދަނީ 2.15ރ. 301 ޔުނިޓުން 400 ޔުނިޓަށް ކުރިން ނަގަމުން މިދަނީ 3.5ރ.، މިހާރު ނަގަމުން މިދަނީ 2.5ރ. މިބަދަލުތައް އަންނާނީ މާރޗު މަހުގެ އެކަކުން ފެށިގެން،" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.
ކަރަންޓަށް މިބަދަލުތައް ގެނެސްފައިވާއިރު ދާދި ފަހުން ވަނީ ދުނިޔޭގެ ބާޒާރުގައި ޑީސަލާއި ޕެޓްރޯލްގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ވެސް ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފައެވެ.
ތޯރިގް ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ކުރުމަށްޓަކައި ރިނިއުވަބްލް އެނާރޖީ އާއި ލެޑް ލައިޓް ފަދަ މަދުން ކަރަންޓް ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުން ފަދަ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށެވެ.
ކަރަންޓްގެ އިތުރުން ފެނުގެ އަގު ވެސް ވަނީ ހެޔޮކޮށްފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ވެސް ފެނުން އަގު ނަގާނީ މާލެއެކޭ އެއްގޮތަށެވެ.