ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މިއަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވީ ނަމަވެސް، މުވައްޒަފުންނަށް މިމަހު ބޮޑު މުސާރަ ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި ފައިސާ ހިމަނާފައިވީ ނަމަވެސް، މުސާރަތައް ބޮޑުކުރެވޭނީ މަޝްވަރާތައް ނިމިގެން ކަމަށެވެ.
މުސާރަ ބޮޑުކުރާނެ ގިންތިތަކެއް ކަނޑައެޅުމަށް ސިވިލް ސަރވިސް ކޮމިޝަނާއި ޕޭ ކޮމިޝަނާއި ރައީސް އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީ އިން ދަނީ މަޝްވަރާކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މުސާރަ ބޮޑުކުރުމުގެ މަޝްވަރާއަށް ފަހު، މުސާރަ ބޮޑުކުރަން ނިންމާ ދުވަހުން ފެށިގެން، ބޮޑު މުސާރަތައް ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް، އެ މަޝްވަރާތައް ނިމޭނެ ދުވަހެއް އޭނާއެއް ވިދާޅެއް ނުވެއެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ތަންފީޒު ކުރައްވަމުން ގެންދަވާ ކަންތައްތަކުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރަންޖެހޭ ހިސާބަށް ދިޔުމުން އެކަންތައްތައް ހިއްސާކުރައްވާނެ ކަމަށެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މިއަހަރުގެ ބަޖެޓުގައި 234 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ބަޖެޓުގައި ހިމަނާފައި ވަނީ، މުސާރަ ބޮޑުނުކޮށްގެން މުވައްޒަފުން ޝަކުވާ ކުރަމުންދާތާ އެތައް އަހަރެއް ފަހުންނެވެ. ގާތްގަނޑަކަށް 24،000 މުވައްޒަފުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާއިރު، މުސާރަތައް ނިސްބަތުން ކުޑައެވެ.
މި އަހަރުގެ ބަޖެޓަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް އުއްމީދީ ބަޖެޓަކަށް ވެގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ސިވިލް ސަރވިސްގެ އޮނިގަނޑު ރަނގަޅު ކުރުމާއި މުވައްޒަފުންނަށް ދެވޭ އިނާޔާތްތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ވެސް 37 ޕަސެންޓަށް މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ. އަދި އެއަށް ވުރެ މަތީ ފަންތީގެ މުވައްޒަފުންނަށް 25 ޕަސެންޓް ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ ސަބަބުން ހުނަރުވެރި މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ. މުސާރަތައް ބޮޑުނުވާތާ އަހަރުތަކެއް ވެފައިވާ އިރު ސިވިލް ސާވިސް މުވައްޒަފުންނަށް ދޭންޖެހޭ ބޯނަސް ފައިސާ 2015 ވަނަ އަހަރުން ފެށިގެން ދީފައެއް ނުވެއެވެ. އަދި އައިޖީއެމްއެޗް ކަހަލަ ޔުނީފޯމް ދޭންޖެހޭ ބައެއް މުއައްސަސާތަކުން ފާއިތުވި އަހަރު ވެސް ޔުނީފޯމާއި އެކަމަށް ބޭނުންވާ ފައިސާ ފޯރުކޮށްދީފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުގައި، ސިވިލް ސަރވިސްގެ މަތީ ގިންތިތަކަށް ހުނަރުވެރި ގާބިލު މުވައްޒަފުން ހޯދުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަދި ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް، ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ސިވިލް ސަރވިސްއަށް އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވަމުންދާ މައްސަލަ ކަމަށް ވެސް ކޮމިޝަނުން ބުނެފައި ވެއެވެ.
މީގެ ކުރިން ސިވިލް ސަރވިސްގެ މުސާރަ ބޮޑުކުރީ، މީގެ އަށް އަހަރު ކުރިންނެވެ.