ނައިފަރު ހޮސްޕިޓަލްގެ އިހުމާލުން މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ނައިފަރު ހޮސްޕިޓަލުން ހެލްތު މިނިސްޓްރީއަށް ފޮނުވައިފިއެވެ.
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދި ނ. ހެނބަދޫ ޒައީމާ އިސްމާއިލުގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ހެލްތު މިނިސްޓްރީއަށް ފޮނުވާފައި ވަނީ އިއްޔެއެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ހެލްތު މިނިސްޓްރީގެ ހެލްތު އެޝުއަރެންސް ސެކްޝަނުންނެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ތަސްލީމާ އުސްމާން "ރާއްޖެއެމްވީ"އަށް އަންގާރަ ދުވަހު ވިދާޅުވީ އެ މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރަމުންދަނީ އަމިއްލަ އިސްނެގުމަކަށް ކަމަށާއި ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަކާ އެކު ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރާނެ ކަމަށެވެ.
"މީޑިއާ މެދުވެރިކޮށް އެ ޚަބަރު ލިބުމާ އެކު، އަޅުގަނޑުމެންނަށް އަމިއްލައަށް ފެނިގެން، އަމިއްލަ އިސްނެގުމަށް ތަހުގީގު ފަށާފައި މިވަނީ. އެ މައްސަލައިގެ އެންމެ ފަހުގެ ލިޔެކިޔުންތައް ހެލްތު މިނިސްޓްރީއަށް ލިބިފައި ވަނީ އިއްޔެ،" ތަސްލީމާ ވިދާޅުވިއެވެ.
ޒައީމާގެ ފިރިމީހާ ޅ. ނައިފަރު، އަޒުމް، މުހައްމަދު އަހުމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އޭނާގެ ދަރިފުޅު މަރުވި މައްސަލައިގެ މެޑިކަލް ޑޮކިއުމަންޓުތައް ހޯދުމަށް އެދިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. ޒައީމާގެ ބަނޑަށް ދަރިފުޅު މަރުވި ކަމަށް އާއިލާ އިން ތުހުމަތު ކުރަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. ސިޒޭރިއަން ހަދައިގެން ޒައީމާގެ ބަނޑުން ދަރިފުޅު ނަގާފައި ވަނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުން، މި މަހުގެ 14 ވަނަ ދުވަހުއެވެ.
އައިޖީއެމްއެޗުގައި ސިޒޭރިއަން ހަދައިގެން ޒައީމާގެ ބަނޑުން ދަރިފުޅު ނެގުމާ އެކު، ފުލުހުންގެ ތަހުގީގު ޓީމެއް ވަނީ އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރަށް ވަދެ، ތަހުގީގަށް ބޭނުންވާ ސާންޕަލްތައް ނަގާފައެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރާ ވާހަކަ ފިޔަވައި އިތުރު އެއްޗެއް ހާމަކުރެވެން ނެތް ކަމަށެވެ.