އަލިފުށީގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ރ. އަލިފުށީގައި ބިދޭސީއަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ އަންގާރު ދުވަހު ހެނދުނު 06:00 ހާއިރު ކަމަށާއި އެކަން ފުލުހުން ބަލަމުންދާ ކަމަށެވެ. ފުލުހުން ބުނީ ބިދޭސީ މީހާ މަރުވެފައިވާކަން އެނގުނީ، ނިދުމަށް ފަހު ހޭ ނުލެމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މަރުވެފައިވަނީ ބަންގްލަދޭޝް ރައްޔިތެކެެވެ. އުމުރުން 47 އަހަރުގެ މި މީހާއަކީ ރަށުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ މީހެއް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
އަލިފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވިދާޅުވީ، ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެމީހާ ދިރިއުޅެމުންދިޔަ ގެއިން ކަމަށެވެ.