ފެނަކަ އާއި ސްޓެލްކޯއިން ދޭ ކަރަންޓްގެ ހިދުމަތުގެ އަގު ހެޔޮކޮށް އަންގާރަ ދުވަހު އެކަން އިއުލާން ކުރާނެކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓްގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާއިރު އެކަން އިއުލާނު ކުރުމަށް ނިންމާފައިވަނީ އަންގާރަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.
އަންގާރަ ދުވަހު ހެނދުނު 10:40 އަށް ނޫސްވެރިންގެ ބައްދަލުވުން ޝެޑިއުލް ކޮށްފައިވާއިރު، އެ ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިންނަށް މިހާރުވަނީ ދައުވަތުވެސް ފޮނުވާފައެވެ.
ސަރުކާރުން ކަރަންޓުގެ އަގު ހެޔޮކުރަން ނިންމާފައި މިވަނީ އެއްވެސް ސަރުކާރެއްގައި ކަރަންޓުގެ އަގު ބޮޑު ނުވާ މިންވަރަށް ކަރަންޓްގެ އަގު ބޮޑުކޮށްފައި ވާތީ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައި ވަނިކޮށެވެ. އަދި މާލެއަށްވުރެ އެތައް ގުނައެއް ބޮޑުކޮށް އަތޮޅުތަކުގައި ކަރަންޓް ދެމުންދާތީ އިދިކޮޅު މެންބަރުން ހުށަހެޅުއްވި މައްސަލައަށް ހައްލެއް ހޯދައިދޭން ސަރުކާރުގެ މެޖޯރިޓީ މަޖިލީހުން ދެކޮޅު ހަދާފައި ވަނިކޮށެވެ.
ކަރަންޓުގެ އަގު ބޮޑުވެފައިވާއިރު ކާޑުގެ އަގުވެސް މިސަރުކާރުން ވަނީ ދުވަހަކު ބޮޑު ނުކުރާ ވަރަށް ބޮޑުކޮށްފައެވެ. އެކަމުގެ ޝަކުވާވެސް ރައްޔިތުން ކެނޑިނޭޅި ކުރަން ފެށުމުން ސަރުކާރުން ކާޑުގެ އަގު ހެޔިކުރިޔަސް، ކުރިން ބޮޑުކުރިއިރު ހުރި މިންވަރަށް އަގު ހެޔޮ ނުކުރެއެވެ.