ޗައިނާއިން ރާއްޖޭގެ ބިންތަކެއް ހޯދައިފައިވާ ނަމަ ނުވަތަ މިލްކުކޮށްފައިވާ ނަމަ އެ ބިންތަކަކީ ކޮބައިތޯ ބުނެދެވެން ޖެހޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި އާދީއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ޗައިނާ އިން ރާއްޖޭގެ ބިންތަކެއް ހޯދައިފައިވާ ކަމަށާ މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތަށާއި އަދި ސުލްހައަށް ހުރަސްއެޅިފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބިންތަކެއް ބޭރުގެ ފަރާތްތަކުން ހޯދަމުންދާ ކަމަށާއި އެކަން ކުރަމުން ދަނީ ބާރުގަދަ ގައުމަކުން ކަމަށެވެ. ނޫސްވެރިން، ރައީސް ނަޝީދު އެ އިޝާރާތް ކުރައްވަނީ ކޮން ގައުމަކަށްތޯ ސުވާލުކުރުމުން، ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެއީ ޗައިނާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ބިން މިލްކުކުރަމުން ދަނީ ދެފުށްފެންނަ އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށާއި ޗައިނާ އިން ރާއްޖޭގެ ސޯޅަ ވަރަކަށް ރަށް މިލްކުކޮށްފައިވާ ކަމަށެވެ.
ޗައިނާ އިން މިލްކުކޮށްފައި ވަނީ ކިހާ ބޮޑު މިނެއްގެ ރަށްތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި، ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ސަފީރު މުހަންމަދު ހުސައިން ޝަރީފު (މުންދު) ރޮއިޓާސް އަށް ވިދާޅުވީ 16-17 ރަށެއް ޗައިނާ އިން މިލްކުކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ނަމަ ޗައިނާ އިން ހޯދައިފައިވާ ދިވެހިރާއްޖޭގެ އެންމެ ރަށެއްގެ ނަން، ރައީސް ނަޝީދަށް ވިދާޅުވެވެން ޖެހޭނެ ކަމަށެވެ. މުންދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން، ބޮޑު އިންވެސްޓްމަންޓަކާ ލައިގެން މެނުވީ ރާއްޖޭގެ އެއްވެސް ރަށެއް އެއްވެސް ފަރާތަކަށް މިލްކު ނުކުރެވޭނެ ކަމަށެވެ. މިކަން ތަފްސީލުކޮށްދެއްވާ މުންދު ވިދާޅުވީ މީގެ ދެއަހަރު ކުރިން ވުޖޫދަށް އައި ގާނޫނުގައި އޮންނާނީ، އިންވެސްޓަރަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭނީ އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ބަޔަކު އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްމަންޓް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ ޗައިނާގެ ބައެއް ކުންފުނިތަކަށް ރިސޯޓު ކުއްޔަށް ދީފައިވާ ކަމަށާއި އެހެންނަމަވެސް އެއީ ވަރަށް މަދު ކުންފުނިތަކެއް ކަމަށެވެ. އަދި އެއަށްވުރެ ގިނައިން ތައިލެންޑުގެ ކުންފުނިތަކުންވެސް ރާއްޖޭގެ ރަށްތައް ކުއްޔަށް ހިފާފައިވާ އޭނާ ވިދާޅުވި އެވެ.