ވައިބަރ ގުރޫޕެއްގައި، ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ދެއްވި ޖަވާބަކާ ގުޅިގެން ގިނަ ބަޔަކަށް ރަތަށް އެރުމުން، އޭނާ މައާފަށް އެދިވަޑައިގެންފިއެވެ.
އިޔާޒުއާ ސުވާލުކުރުމަށް ހަދާފައިވާ ވައިބަރގެ ޕަބްލިކް ޗެޓް ގުރޫޕްގައި މީހަކު ސުވާލުކުރީ އަނބި މީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ ރޭޕް ކުރުމަށް ވާނެތޯ އެވެ. އެއީ ރޭޕް ކުރުމަށް ނުވާނެކަމަށް އިޔާޒު ވިދާޅުވުމުން، އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެެވެ.
ޑރ. އިޔާޒުގެ ޖަވާބާމެދު ބަހުސް ހޫނުވެފައި ވަނިކޮށް ހޯމަ ދުވަހުގެ ރޭ ޑރ. އިޔާޒު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ސުވާލުގެ ޖަވާބު އެގޮތަށް ދީފައިވަނީ އަނބިމީހާއާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާ އުފުލި ހުކުމް ތަންފީޒް ކުރުމާމެދު ކުރެވޭ ބަހުސަކަށް ރިއާޔަތްކޮށް ކަމުގައެވެ.
އިޔާޒު ވިދާޅުވީ މައުޟޫއަކީ ވަރަށް ފުޅާ މައުޟޫއެއް ކަމަށާއި އިސްލާމް ދީނުގައި ޒަވާޖީ ހަޔާތް ބިނާ ކުރުމަށް އިރުޝާދު ދީފައިވަނީ ލޯތްބާއި ރަހުމާއި ކުލުނާއި އޯގާތެރިކަމުގެ މައްޗަށް ކަމަށް ކަމުގައެވެ. އަދި ގަދަބާރުން އެކަކު އަނެކަކުގެ ކިބައިން އެދުންތައް ހާސިލްކުރުމުގެ މައްޗަށް ނޫން ކަމަށް އިޔާޒު ވިދާޅުވިއެވެ.
ދެމަފިރިންކުރެ އެކަކުވެސް ގުޅުން ހިންގުމަށް އެދިއްޖެނަމަ މަގުބޫލު ސަބަބެއް ނެތި އިންކާރުކުރުމުގެ ހައްގު ދެމަފިރިންކުރެ އެކަކަށް ވެސް ލިބިގެންނުވާކަން ފާހަގަ ކުރައްވާ އިޔާޒުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ފިރިމީހާ އެދޭ ވަގުތުގައި އަނބިމީހާ އެކަމަށް ތައްޔާރު ނޫންނަމަ ނުވަތަ މާބޮޑަށް ވަރުބަލިވެފައިވާނަމަ ފިރިމީހާ އަށް އޮތީ އަނބިމީހާ އަށް އެދެވޭ ވަގުތު ދިނުން ކަމަށާއި ގަދަބާރުން އަނިޔާވެރި ގޮތެއްގައި ގުޅުން ހިންގާނަމަ ވަރިއަށް އެދުމުގެ ހައްގު އިސްލާމީ ޝަރީއަތުން އަނބިމީހާ އަށް ލިބިދޭ ކަމަށް ވެސް އިޔާޒްގެ ބަޔާނުގައި ވެއެވެ.
ތަބީއީގޮތުން ފިރިހެނުންނަކީ އަންހެނުނަށްވުރެ ޖިސްމާނީ ގޮތުން ބާރުގަދަ ބައެއް ކަމަށާއި ގުޅުން ހިންގުމުގެ އެދުން އުފެދޭ ކޮންމެ ފަހަރަކު ގަދަބާރުން އެކަން ހާސިލްކޮށް ގަތުމަކީ ބައެއް ފަހަރު މެދުވެރިވާ ކަމެއް ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އަނބިމީހާ ފިރިމީހާ މަތިން ފޫހިވެ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބިރުދެއްކުމާއި އަނިޔާވެރިކަމަށް ބަދަލުވާކަމަށްވެސް ޑރ އިޔާޒްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ދިގު މުއްދަތަކަށް ނުވަތަ މުޅި އުމުރަށް އަންހެން މީހާ އަށް ތަހަންމަލް ކުރަން ޖެހޭ ފަހަރުވެސް އަންނަ ކަމަށް އިޔާޒްގެ ބަޔާނުގައި ވެއެވެ.
މައުޟޫއަކީ ވަރަށް ފުޅާ މައުޟޫއެއް ނަމަވެސް މިހާވަރުން ސާފުވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެ މި މައްސަލާގައި ކުރިން ދީފައިވާ ޖަވާބުގެ ސަބަބުން ބަޔާން ކުރެވުނު މަހުފޫމް ނޫން ގޮތަކަށް މައްސަލަ ފަހުމްވި ފަރާތްތަކުގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޑރ އިޔާޒް ވަނީ ވިދާޅުވެފައެވެ.