ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޤާނޫނުތަކަށް ގެނެވުނު އިސްލާހު ޤާނޫނު އަސާސީއާ ޚިލާފުކަމަށާއި، އެމަނިކުފާނަށް ސިޔާސީ ޕާޓީއެއްގެ ލީޑަރުކަން ނުކުރެވޭނެ ކަމަށް ބުނާ ބުނުންވެސް ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ވަކީލު ޖެރަޑް ޖެންސަރ ވިދާޅުވެއްޖެއެވެ.
ޖެންސަރ މިހެން ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއަށް ދިވެހި ސަރުކާރުން ދިން ޖަވާބަށް ރައްދު ދެއްވައި، އެކޮމިޓީއަށް ފޮނުއްވި 40 ސޮފްޙާގެ ސްޓޭޓްމަންޓެއްގައެވެ.
ދިވެހިރާއްޖެއަކީ މަދަނީ އަދި ސިޔާސީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގައި ސޮއެކޮށްފައިވާ ޤައުމެކެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ދިވެހި ސަރުކާރާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ އެމުޢާހަދާގެ ދަށުން ލިބިދޭ ހައްޤުތައް ކަށަވަރުކޮށްދިނުމަށެވެ.
ޖެންސަރ އދގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޓީއަށް ފޮނުއްވި ބަޔާނުގައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޤާނޫނުތަކަށް ގެނެވުނު އިސްލާހު ޤާނޫނުއަސާސީއާއި ޚިލާފުކަމަށާއި، އެމަނިކުފާނު އަދާކުރައްްވަމުން ގެންދެވި ސިޔާސީ ޕާޓީއެއްގެ ލީޑަރޝިޕްގެ ރޯލު އަދިވެސް ނުގެއްލޭކަމަށެވެ.
ރައީސް ނަޝީދު ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ޖަލަށް ލާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށާއި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ބާޠިލްކަމަށް އދގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން ވަނީ 2015 ވަނަ އަހަރު ނިންމާފައެވެ.
ރައީސް ނަޝީދުގެ މައްސަލަ ފަދަ އެހެން މައްސަލައެއް 2005 ވަނަ އަހަރު ލަންކާގެ އޭރުގެ ސަރުކާރާއި ދެކޮޅަށް ހިއުމަން ރައިޓްސް ކޮމިޓިއިން ނިންމާފައިވެއެވެ. އެ ނިންމުމުގައިވަނީ މީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމެއްގެ ސަބަބުން އެމީހަކަށް ސިޔާސީ ގޮތުން ހަރަކާތްތެރި ނުވެވޭ ނުވެވުން، އެހުކުމެއް ބާޠިލްކަމަށް ނިންމުމުން ބާޠިލްވާން ޖެހޭނެކަމަށާއި، އެހިސާބުންވެސް އެމީހަކަށް ސިޔާސީ ކަންކަމުގައި ބައިވެރިނުވެވޭނެކަމަށް ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫންތަކާއި ޚިލާުފުކަމެއް ކަަަމަށެވެ.
ޖެންސަރ ވިދާޅުވީ މިމައްސަލަ ރައީސް ނަޝީދު ކޮޅަށް ނިމޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށާއި، އެމައްސަލަ ނިންމުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް މިހާރު އެކައުންސިލްގައި ހުންނާނެކަމަށެވެ. އަދި މިމައްސަލަ ދިވެހި ސަރުކާރާއި ދެކޮޅަށް ނިންމުމުން ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ދިވެހި ސަރުކާރަށް މަޖުބޫރުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ޙާލަތެއްގައި ރައީސް ނަޝީދަށް ވާދަނުކުރެވޭ އިންތިޚާބަކީ މިނިވަންކަމެއް ނެތް، އިންސާފުން އެއްކިބާވެފައިވާ އިންތިޚާބެއްކަމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ނިންމާނެކަމަށް ޖެންސަރ ވިދާޅުވިއެވެ.
އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީގައި ހިމެނެނީ އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގައި ސޮއެކޮށްފައިވާ 20 ޤައުމެކެވެ. ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާ ނިންމުން ބާޠިލްކަމަށް ނިންމައިދިނުމަށް އެދި ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޓީއަށް އެޖެންޑާ ކޮށްފައިވަނީ މާޗް/އެޕްރީލް ސެޝަންއަށެވެ.