ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް އަފްޝާން ލަޠީފް މިއަދު އައްޔަން ކޮށްފިއެވެ.
އެމްޑީޕީން ބުނީ އެ މަޤާމަށް އަފްޝާން އައްޔަން ކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، މަޤާމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން 3 ފަރާތަކާއި އިންޓަވިއު ކުރުމަށްފަހު ކަމަށެވެ.
އަފާޝާން ލަޠީފަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވައި މަދަނީ އަދި ސިޔާސީ އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ކަނބަލެކެވެ. އެގޮތުން 2008 ވަނަ އަހަރު ރާޢްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބުގައިވެސް ޢަމަލީގޮތުން މަސައްކަތްކުރައްވައި އިންތިޚާބާއި، ވޯޓުލުމާއި އައު ޤާނޫނު އަސާސީއާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަދަނީ ޖަމުޢިއްޔާތަކާއި އެކު އަފްޝާން މަސައްކަތް ކުރެއްވިއެވެ.
އެއަށްފަހު، 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑެޕިއުޓީ އަންޑަރސެކްރެޓަރީއެއްގެ މަޤާމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، އެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރެވުނު އެކިއެކި ކަންކަމުގައި އަފްޝާން މަސައްކަތް ކުރެއްވިއެވެ. އަދި 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު ރައީސް އޮފީހުން އިސްތިއުފާ ދެއްވައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަފްޝާން ޢަމަލީގޮތުން މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު 2016 ވަނަ އަހަރު މާލެ ސިޓީގެ މައްޗަންގޮޅި ދާއިރާއިން ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހޮވިވަޑައިގެން އަންހެނުންގެ ކުރިއެރުމަށް ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި އދ. އާއިއެކު އެކިއެކި ޕްރޮގްރާމްތައް ހިންގެވުުމުގައި މަސައްކަތް ކުރެއްވިއެވެ.
އަފްޝާންއަކީ ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ، ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި، މުވައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތައް އަދި މީޑިޔާއާއިއެކު ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ.
ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތީން އަމީން އާންމުގެ ނައިބުގެ މަސްއޫލިއްޔަތުތަކަކީ ޤައުމީ މަޖިލިހާއި، ޕާޓީގެ ޗެއާޕާސަންގެ ލަފާގެ މަތީން ޕާޓީގެ އިންތިޒާމްތަކާއި އިދާރީ ކަންކަން ބެލެހެއްޓުމެވެ.