ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 19:52
ލައިބީރިއާގެ ރައިސް ޖޯޖް ވިއާ
ލައިބީރިއާގެ ރައިސް ޖޯޖް ވިއާ
އަނަދޮލޫ
ރައީސް ޖޯޖް ވިއާ
ލައިބީރިއާގެ ރައީސްކަމުގެ ހުވާ ޖޯޖް ވިއާ ކުރައްވައިފި
ޑިސެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބު ޖޯޖް ވިއާ ކާމިޔާބު ކުރެއްވީ ވޯޓުގެ 61.5 އިން ސައްތަ ހޯއްދަވައިގެން

ޑިސެމްބަރު މަހު ލައިބީރިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ބައިނަލްއަގްވާމީ ފުޓްބޯޅަ ތަރި ޖޯޖް ވިއާ ރައީސްކަމުގެ ހުވާ ހޯމަ ދުވަހު ކުރައްވައިފިއެވެ.

ލައިބީރިއާގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދާންޖެހި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޖޯޖް ވިއާ ކާމިޔާބު ކުރެއްވީ ވޯޓުގެ 61.5 އިން ސައްތަ ހޯއްދަވައިގެންނެވެ. ރިޔާސީ އިންތިޚާބުގައި ޖޯޖް ވިއާ އާ ވާދަކުރެއްވި ޖޯސެފް ބޯކައި އަށް ލިބިވަޑައިގެންނެވީ 38.5 ވޯޓެވެ.

ވެރިރަށް މޮންރޯވިއާ ކައިރީގައި ހުންނަ ސްޓޭޑިއަމެއްގައި ބޭއްވި ޖޯޖް ވިއާގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި އެކި ގައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ގާނާ، ނައިޖީރިއާ، ދެކުނު އެފްރިކާ، މާލީ، އައިވަރީ ކޯސްޓް ފަދަ އެފްރިކާ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ލައިބީރިއާގެ ރައީސްކަން ކުރެއްވި އެލެން ޖޯންސަން ސިރްލީފްގެ ހަ އަހަރުގެ ދެ ދައުރު ނިމުމާއެކު، ލައިބީރިއާގެ ރިޔާސަތާއި ޖޯޖް ވިއާ ހަވާލުވުން ވެގެން މިދިޔައީ 1944 ވަނަ އަހަރުގެ ފަހުން އެގައުމުގައި ޑިމޮކްރެޓިކް އުސޫލުން ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރަށެވެ.

2002 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔަރ ކުރެއްވުމަށްފަހު ސިޔާސީ ދާއިރާ އަށް ނިކުންނެވި ޖޯޖް ވިއާ އަކީ ލައިބީރިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެންނެވުމަށްފަހު އޭނާ ފުރަތަމަ ވާދަ ކުރެއްވީ 2005 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގެ ދެވަނަ ބުރުގައި ލިބުނު ނާކާމިޔާބީ އަށްފަހު، 2011 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރެއްވުމަށް ވިއާ ނިންމެވިއެވެ. އެހެންނަމަވެސް އިންތިޚާބަށް ނުކުންނެވުމަށް އިއްތިޙާދެއް އެކުލަވާނުލެވުމުގެ ސަބަބުން އެއިންތިޚާބަށް އޭނާ ނިކުމެވަޑައިގެންނެވީ ވިންސްޓަން ޓަބްމަންގެ ރަނިންގމޭޓްގެ ގޮތުގައެވެ.

- ކޮމެންޓް