ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެރެކުރުމަށް 14 ދުވަހުގެ ވަގުތީ ހުއްދައެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި އެ މިނިސްޓްރީން ބުނެފައިވަނީ ވަގުތީ ހުއްދައެއް ދިނުމަށް އެ މިނިސްޓްރީން ނިންމީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އަދިވެސް އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ. އެގޮތަށް ނިންމީ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ ޓޫރިޒަމަކީ ރާއްޖޭގެ އިޤްތިސާދަށް މުހިންމު ސިނާއަތެއްކަމަށް މިނިސްޓްރީންވެސް ގަބޫލުކުރާކަމަށެވެ. އެހެންކަމުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓަށް ހުށައަޅާފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. ޓޫރިޒަމް ދާއިރާގައި، ޓޫރިސްޓުންނާ ގުޅުން ހުރި ހިދުމަތްތައް ލިބެން ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވި ވިލާ ހޮޓެލްސް އެންޑް ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ވަގުތީ ހުއްދައެއް ދިނުމަށް ނިންމާފައިވާކަން އަންގާފައިނުވާކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އަނގަބަހުންވެސް އަދި ލިޔުމުންވެސް ހިއްސާކޮށްފައިނުވާކަމަށް އެއޮފިޝަލް ވިދާޅުވި އެވެ.
ގާސިމްގެ ރިސޯޓްތަކަށް ރަލާއި އޫރުމަސް އެތެރެކުރުން މަނާކުރީ، އެ ރިސޯޓްތައް ހުއްޓުމަކަށް ގެނެސް، އިސްލާހީ މަސައްކަތުގައި ގާސިމް ކުރައްވާ މަސައްކަތް ހުއްޓުވަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.