ވިލާގެ ރިސޯޓްތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރާތީވެ އެކަމާ ދެކޮޅަށް އެ ރިސޯޓްތަކުގައި މިއަދު ވެސް މުޒާހަރާކޮށްފި އެވެ.
ހޯމަ ދުވަހު މެންދުރު ފަހު ސަން އައިލެންޑް ރިސޯޓްގައި މުޒާހަރާކޮށްފައިވާއިރު، ހޮލިޑޭ އައިލެންޑާއި ރޯޔަލް އައިލެންޑްގެ މުވައްޒަފުން ވެސް ދަނީ ކަންބޮޑުވުންފާޅުކޮށް މުޒާހަރާ ކުރަމުނެވެ. ފަން އައިލެންޑްގެ ރާ ގުދަނުގައި ހުރި ރާތައް ކަސްޓްމްސްއިން ގެންގޮސްފައި ވާއިރު، ހޯމަ ދުވަހު އެ ރިސޯޓްގެ މުވައްޒަފުން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.
ސަރުކާރާ ދެކޮޅު ޝުއޫރު ލިޔެފައިވާ ބޯޑުތަކާއެކު ރިސޯޓްތަކުގައި މުޒާހަރާކޮށްފައިވާއިރު އެ ރިސޯޓްތަކުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް އެބަ ތިއްބެ އެވެ.
ވިލާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ވިލާގެ ރިސޯޓްތައް ހުއްޓުމަކަށް ގެނައުމަށް ކަމަށާއި އެހެން ނޫންނަމަ ގާނޫނާ އެއްގޮތަށް އެތެރެކޮށްފައި ހުރި ބަނގުރަލެއް ނުގެންދާނެ ކަމަށެވެ. އެހެން ނޫންނަމަށް އެ ރިސޯޓްތަކަށް ރާއްޖޭން ބޭރުން ރާ އެތެރެކުރުމުގެ ހުއްދަ ބާތިލް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަން އައިލެންޑްގައި ހުރި ބަނގުރާ ސްޓޮކް ގެންދިޔުމަކީ ފޭރުމުގެ އަމަލެއް ކަމަށާއި މި މައްސަލައިގައި ޕޮލިހާއި ކަސްޓަމްސް އަދި މީރާގެ 37 މުވައްޒަފެއްގެ މައްސަލަ ޕޮލިހަށާއި ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެ ކުންފުނީގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.