ސަރުކާރުން ވިލާ ގްރޫޕްގެ ރިޒޯޓްތަކަށް އަރާ، ފާސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ފަތުރުވެރިންނަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ ޖަރުމަނީ އިން އެގައުމުން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިސް ބަދަލުކޮށްފިއެވެ.
ޖަރމަނީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޔޯޣަން ރޯޑަރ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންނާއި ކަސްޓަމްސް އިން ގިނަ ރިސޯޓްތަކެއް ބަލާ ފާސްކުރުމަކީ އެގައުމުން ކަންބޮޑުވާކަމެއް ކަަމަށެވެ. އަދި، މީގެ ސަބަބުން، ފަތުރުވެރިންނަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ރިސޯޓްތަކުގެ މަންދޫބުން މައުލޫމާތު ދެއްވާފައިވާ ކަަމަށް ވެސް ރޯޑަރ ފާހަގަކުރެއްވިއެވެ.
ހިނގައިދިޔަ ކަންކަމާ ގުޅިގެން، އެގައުމުން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިސް ބަދަލުކޮށްފައިވާ ކަމަށް ވެސް އެމްބެސެޑަރ ވިދާޅުވިއެވެ.
Concerned about recent news about Maldivian police and custom raids against several resort islands last week. According to news reports and direct contacts to resort representatives, tourists were inconvenienced. Germany has updated its travel advice for the Maldives.
— Joern Rohde (@joern_rohde) January 22, 2018
ޓެްރެވަލް އެޑްވައިސް ބަދަލުކޮށްފައިވާ ކަމަށް އެމްބެސެޑަރ އިއުލާން ކުރެއްވި ނަމަވެސް، ޖަރުމަނީގެ ރަސްމީ އެއްވެސް ވެބްސައިޓެއްގައި އަދި އެކަން ހާމަކޮށްފައެއް ނުވެއެވެ.
ވިލާ ގްރޫޕްގެ ރިޒޯޓްތަކަށް ފުލުހުންނާއި ދައުލަތުގެ މުއައްސަސާތައް އަރައި، ފާސްކުރުމަކީ ސީދާ ބިރު ދެއްކުން ކަމަށް ގިނަ ފަރާތްތަކުން ބުނަމުންދާ އިރު، އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ސަބަބުން އިޔާދަ ނުކުރެވޭވަރުގެ ގެއްލުން ލިބޭނެ ކަމަށް ބުނެފައެވެ.