އިދިކޮޅު ކޯލިޝަނުގެ ބައެއް މެމްބަރުން ހޯމަދުވަހު ވެސް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވީ އާދިއްތަ ދުވަހު އެބޭފުޅުން އެ ކޮމިޝަނަށް ވަޑައިގެން ތިއްބެވީ، އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭތޯ ކަމަށެވެ. އަދި ބައްދަލު ވަންދެއް ނުވަތަ އޮފީސް ބަންދު ކުރަންދެން ތިއްބަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި، ހެޔޮއެދޭ ހުރިހާ ފަރާތްތަކުން އެބޭފުޅުންނަށް އެއްބާރުލުން ދެއްވުމަށް ކޮމިޝަން ހުންނަ ސަރަހައްދަށް ވަޑައިގެންދެއްވުން ގޮވާލައްވައިފައިވެ އެވެ.
Heyo edhey faraaiy thah Alhugandu men nah hihvaru dhinumah EC kairiyah vadaigen dhehvun edhen.
— Mohamed Musthafa (@Thimarafushi) January 22, 2018
ގޮނޑިގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ މައްސަލައިގައި އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދި އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން ވެސް ކޮމިޝަނަށް ސިޓީއެއް ވަނީ ހުށަހަޅުއްވައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް އެދި ވަޑައިގަތުމުން އެ ކޮމިޝަނުން ވަނީ އެބޭފުޅުންނަށް ސިޓީއެއް ހަވާލުކުރައްވާފައެވެ.
ކޮމިޝަންގެ ސިޓީގައި ބުނެފައިވަނީ، މެންބަރުންގެ މައްސަލައިގައި ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް އެދިފައިވާ އެޕއިންޓްމެންޓް ހަމަޖެއްސުމަށް ޖަލްސާއަކަށް އެޖެންޑާ ކުރުމަށްފަހު ޖަވާބެއް ދެއްވާނޭކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނީ ސިޓީ އެޑްރެސް ކުރައްވާފައި އޮތީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްއަށް އެކަނިކަމަށެވެ.
ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަދިވެސް ސާފު ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. މިކަން އެ މެންބަރުން ދަނީ ކަންބޮޑުވުމާއިއެކު ފާހަގަކުރައްވަމުންނެވެ.