އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ބޯޑެއް އެކުލަވާލާ ރައީސުލްޖުމްހޫރިއްޔާ އެ ބޯޑަށް ހަތް މެންބަރުން އައްޔަންކުރައްވައިފިއެވެ.
މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރަކްޝަންގެ ނަމުގައި އުފެއްދެވި މިބޯޑަށް އައްޔަންކުރައްވާފައިވާ ބޭފުޅުންނަކީ ހ. ސީ ސައިޑް މުހައްމަދު އަލީ ޖަނާހާއި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރު ކޮއްކޮ، އަބްދުﷲ ފަޔާޒާއި، ގ. ރޯޒަރީ ވެސްޓް އިސްމާއީލް އިބްރާހީމާއި، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދާއި، މ. ފެންގަސް އަލީ ޝުހައިލް މުހައްމަދާއި، މ. ޕޮޕީ މުހައްމަދު ޝަފީގު މަހްމޫދުގެ އިތުރުން ދަފްތަރު ފާތިމަތު ޝާހީން އެވެ.
ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ އިމާރާތްކުރުމުގެ ދާއިރާގެ ބޭފުޅުން ތަމްސީލް ކުރާ ޖަމިއްޔާ، މަސީގެ ރައީސް ޖަނާހު އެވެ.
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގެ ދަށުން އެކުލަވާލި މި ބޯޑަކީ އިމާރާތްކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި އިމާރާތްކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭ ބޯޑެކެވެ. މިބޯޑުގެ މަސައްކަތްތައް ހިނގަމުން ދާނީވެސް ހައުސިން މިނިސްޓްރީގެ ދަށުންނެވެ.
އިމާރާތްކުރުމުގެ ގާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ. މިބިލް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ.
މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ގެ ނަމުގައި ބޯޑެއް އުފައްދަވާފައި މިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އުވާލަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަލެއްގައެވެ. އަދި އެ ކޯޕަރޭޝަންގެ މަސައްކަތްތައް ދެން ކުރަމުން ގެންދާނީ ހައުސިން މިނިސްޓްރީގެ ދަށުންކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.