އަނިޔާވެެރިކަމާ ދެކޮޅަށް ދުއާކޮށްގެން ހައްޔަރުކުރި އަހުމަދު ފަރުހާން (ފަރާ)ގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވެ، ސަލާމަތްވުމާ އެކު ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދާ ބައްދަލުކޮށްފިއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ހާއްސަ މައުލޫމާތުތަކެއް ނޫސްވެރިންނަށް ހިއްސާ ކުރެއްވުމަށްޓަަކައި އަވައްޓެރި ސްރީލަންކާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ އާދިއްތަ ދުވަހުއެވެ. ފަރާ ވަނީ ރައީސް ނަޝީދާ އެކު އޭނާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ފަރާ ބުނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.
ދައުލަތުގެ ފަރާތުން ފަރާގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ނިންމީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައެވެ.
ދައުލަތުން ފަރާގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ޝަރީއަތް ހިންގާފައި ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
ފަރާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޯގަސްޓް، 12، 2016 ގައި ހިތަދޫ ފަޒާ މިސްކިތުގައި ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ހުއްޓައި ހައްޔަރު ކުރުމަށް ފަހުއެވެ. ފަރާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
ފަރާއަކީ އައްޑޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ.