ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މުޒާހަރާ މަނާކުރެވިފައި ވަނިކޮށް ރައީސް ޖޯސެފް ކަބީލާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ދައުލަތުން ބާރުގެ ބޭނުން ކުރުމުން މަދުވެގެން ފަސް މީހުން މަރުވެއްޖެ ކަމަށް އދ. އިން ބުނެފިއެވެ.
ރައީސް ކަބީލާގެ 17 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި ވެރިރަށް ކިންޝާސާގައި އާދީއްތަ ދުވަހު ކުރި މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ލައިވް ވަޒަނާއި ކަރުނަ ގޭސް ބޭނުންކޮށްފައިވާ ކަމަށް މަންޒަރު ދުށް މީހުން ނޫސް އޭޖެންސީތަކަށް ކިޔައިދީފައިވެއެވެ.
ކަބީލާއާ ދެކޮޅަށް ކުރަން ފެށި މުޒާހަރާތަކުގައި ހަމަނުޖެހުން ހިނގާތީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މުޒާހަރާކުރުން ސަރުކާރުން މަނާކޮށްފައިވާއިރު މި މުޒާހަރާއަށް ގޮވާލާފައި ވަނީ ނަޞާރާ ފައްޅިއަކުންނެވެ.
ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ތިބޭ އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުން ބުނީ އާދީއްތަ ދުވަހު ކިންޝާސާގައި މަދުވެގެން 5 މީހުން މަރުވިއިރު ގައުމުގެ އެކިކަންކޮޅުތަކުން އިތުރު 33 މީހަކު ޒަޚަމްވި ކަމަށެވެ. މީގެ އިތުރުން އެތައް ބަޔަކު ހައްޔަރުކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތްކުރަމުންދާ ކުރީގެ ވަޒީރަކު އޭއެފްޕީގައި ވިދާޅުވެފައި ވަނީ މަރުވި މީހުންގެ ތެރޭގައި 16 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އޭނާ މަރުވެފައި ވަނީ ސިފައިންގެ ވެހިކަލަކުން ބަޑިޖެހުމުގެ ސަބަބުންނެވެ.
ކަބީލާގެ ވެރިކަމުގެ ދެވަނަ ދައުރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިމިފައިވާ އިރު އޭނާއަށް ފަހު ވެރިކަން ކުރައްވާނެ ބޭފުޅަކު ހޮވުމަށްޓަކައި 2017 ވަނަ އަހަރު ނިމުމުގެ ކުރިން އިންތިޚާބެއް ބާއްވާނެ ކަމަށް ކަބީލާ ކުރިން ވިދާޅުވެފައިވެއެވެ.
މިހާރު އެ ވޯޓް ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ފަސްކޮށްފައެވެ.
މިއާ އެކު ރައްޔިތުން ދަނީ ގާނޫނުއަސާސީގައި ދައުރު ކަނޑައެޅިފައިވާ ގޮތާ ޚިލާފްވެ ވަޑައިގެން، އިތުރު ދައުރަކަށް ކުރިމަތި ނުލެއްވޭތީ ގާނޫނާ ޚިލާފަށް ވެރިކަމުގައި ހުންނެވުމަށް މަސައްކަތްކުރައްވާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ ކޮންގޯގެ ސިޔާސީ ފަރާތްތަކުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ވީ ސިޔާސީ އެއްބަސްވުމަށް ފުރިހަމަޔަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފައެވެ.
ކޮންގޯގެ ވެރިކަމުގައި 2001 ވަނަ އަހަރުން ފެށިގެން ހުންނެވި ކަބީލާ ވަނީ، ވޯޓަރސް ރެޖިސްޓްރޭޝަންގެ ކަންކަން ލަސްވުމާ ގުޅިގެން ކަމަށް ވިދާޅުވެ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ވެރިކަމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.