ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު މިއަދު ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި ރާއްޖެއާއި ބައިނަލްއަޤްވާމީ ނޫސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.
މިއަދު ހެނދުނު ކޮޅުނބުގެ ތާޖު ސަމުދްރާ ހޮޓެލްގައި ބާއްވާ ނޫސްވެރިންގެ މިބައްދަލުވުމުގެ ލައިވް ކަވަރޭޖް ރާއްޖެ ޓީވީއިންނާއި ރާއްޖެ.އެމްވީ އިން ގެނެސްދެވޭނެއެވެ.
އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދް އަބްދުޣަފޫރް ވިދާޅުވީ ރައީސް ނަޝީދު މި ނޫސްވެރިންގެ ބައްދަލުވުމުގައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް މި ސަރުކާރުން ދިން ޖަވާބާއި ގުޅޭގޮތުން ރައްދު ދެއްވާނެ ކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭގޮތަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދުގެ މައްސަލައިގައި މިއަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ތެރޭގައި އެ ކޮމިޓީގެ ބައްދަލުވުމުއް ބޭވުމަށް ވަނީ ނިންމާފައެވެ.
ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު އަތުލް ކެޝަޕް ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދި މަސްއޫލިއްޔަތު އަދާ ކުރުމަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ އިންތިޒާމްތައް ފަހިކޮށްދިނުން މުހިންމު ކަމަށެވެ.
އިނގިރޭސިވިލާތުން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވަނީ، 2018 ވަނަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެސީ އަށް ބޮޑު އަހަރެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ނަގާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތުން އާދިއްތަ ދުވަހު ކޮޅުނބަށް ވަޑައިގެންފައެވެ.