ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 07:54
އައިއެސްގެ ހަނގުރާމާގައި ވީރާނާވެފައިވާ އިރާގުގެ މޫސަލްގެ އިމާރާތެއްގެ ކައިރީގައި އާއްމުންގެ ދެ މީހަކު ހަރަކާތްތެރިވަނީ
އައިއެސްގެ ހަނގުރާމާގައި ވީރާނާވެފައިވާ އިރާގުގެ މޫސަލްގެ އިމާރާތެއްގެ ކައިރީގައި އާއްމުންގެ ދެ މީހަކު ހަރަކާތްތެރިވަނީ
އޭއެފްޕީ
އައިއެސް ހަނގުރާމަ
އައިއެސް އަށް ނިސްބަތްވާ ޖަރުމަނުގެ އަންހެނަކަށް އިރާގުގައި މަރުގެ ހުކުމް އިއްވައިފި
އެ އަންހެން މީހާގެ ނަން އާއްމުކޮށްފައެއްނުވޭ
އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރު މޫސަލް އިން
އޭނާގެ މައްޗަށް ވަނީ އިރާގުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި ބައިވެރިކަމުގެ ކުށް ސާބިތުވެފައި

އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާކަން ސާބިތުވި ޖަރުމަނުގެ އަންހެނަކަށް އިރާގުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފިއެވެ.

މަރުގެ ހުކުމް އިއްވި ޖަރުމަނުގެ އަންހެން މީހާއަކީ މޮރޮކޯ ދަރިކޮޅުގެ އަންހެނެއް ކަމަށް ބީބީސީ އިން ބުނެއެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓަށް ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމާއި، އިރާގުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވާކަން ސާބިތުވުމާ ގުޅިގެންނެވެ.

ނަން އާއްމުކޮށްފައިނުވާ އެ އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ އީރާގްގެ މޫސަލްގައި އައިއެސްގެ ހަނގުރާމަވެރިންނާއި އިރާގުގެ އަސްކަރިއްޔާއާ ދެމެދު މިދިޔަ އަހަރު ހިނގި ކުރިމަތިލުންތަކެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާ ގުޅިގެން އެ ދެގައުމުގައި ގިނަ އަދަދެއްގެ ބިދޭސީ ހަނގުރާމަވެރިން ހަރަކާތްތެރިވެއެވެ.

އެ އަންހެން މީހާގެ މައްޗަށް ހުކުމް އިއްވަމުން އިރާގުގެ ކޯޓުން ބުނީ، އޭނާގެ ދެ އަންހެން ދަރިންނާ އެކު ޖަރުމަނު ދޫކޮށް އިރާގަށް ދަތުރުކޮށްފައި ވަނީ އައިއެސްއާ ގުޅުމަށް ކަމަށާއި، އޭނާގެ ދެ އަންހެން ދަރިން އައިއެސްގެ ހަނގުރާމަވެރިންނާ ކައިވެނިކޮށްފައިވާ ކަމަށެވެ.

އޭނާއަކީ އައިއެސް އަށް ނިސްބަތްވާކަން ސާބިތުވެގެން އިރާގުގައި މަރުގެ ހުކުމް އިއްވި ބޭރު ގައުމަކަށް ނިސްބަތްވާ ފުރަތަމަ އަންހެނާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާގެ އިތުރުން އައިއެސް އަށް ނިސްބަތްވާ ލިންޑާ ވެންޒެލް ނަމަކަށް ކިޔާ ޖަރުމަނުގެ ފުރާވަރު އުމުރުގެ އަންހެން ކުއްޖެއް ވެސް މޫސަލް އިން ހައްޔަރު ކޮށްފައިވެއެވެ.

އައިއެސް އަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ އެތައް ހާސް ބަޔަކު އިރާގުގައި ހައްޔަރު ކޮށްފައިވާއިރު، ގިނަ އަދަދެއްގެ ހަނގުރާމަވެރިންގެ މައްޗަށް އެއްފަހަރާ ހުކުމް އިއްވާފައިވެއެވެ.

އެހެންނަމަވެސް އެމީހުންގެ މައްޗަށް ހުކުމް އިއްވުމުގައި ޝަރުއީ މަރުހަލާތައް ކުރިއަށްގެންދާ ގޮތާ ގުޅޭ ގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

- ކޮމެންޓް