2016 ވަނަ އަހަރު ރާއްޖެ އައި ވިއެޓްނާމުގެ ބޯޓެއްގެ ފަޅުވެރިންގެ ޕާސްޕޯޓްތައް ބެހެއްޓުމަށް ފަހު ފުރުވާލި ކަމަށާއި އެއީ ބައިނަލްއަގުވާމީ ޖަރީމާއެއް ކަމަށް، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މުސްތަފާ ވިދާޅުވީ މުދާ ހިފައިގެން އައި 12000 ޓަނުގެ އެ ބޯޓް ކަސްޓަމްސްއިން ފުރުވާލީ އޭގައި ތިބި 14 ފަޅުވެރިންގެ ޕާސްޕޯޓް ބެހެއްޓުމަށް ފަހު ކަމަށެވެ. އެ ޕާސްޕޯޓްތައް ހުރީ އޭނާ ދަންނަ މީހެއްގެ އަތުގައި ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"ޕާސްޕޯޓްތަކާ ނުލައި ފަޅުވެރިންތައް ފުރުވާލުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"މި ގޮތަށް ފުރުވާލަންޖެހުނު ސަބަބެއް އޮންނަންޖެހޭ."
މިއަދާ ހަމައަށް ވެސް އެ ޕާސްޕޯޓްތައް ހުރީ ރާއްޖޭގައިކަން ފާހަގަ ކުރައްވައި މުސްތަފާ ވިދާޅުވީ ޕާސްޕޯޓްތައް ނެތި އެ ފަޅުވެރިން ދިޔައީ ކޮންތަނަކަށް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. މިކަން ހިއުމަން ޓްރެފިކިންގެ އަމަލަކަށް ވެސް ވާނެ ކަމަށާއި ކަސްޓަމްސް އާއި އިމިގްރޭޝަން ގުޅިގެން ނޫން ގޮތަކަށް މިފަދަ ކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި ޖެހުމުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ގުޅުއްވި ކަމަށާއި އެ ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނެވި ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވެގެން އެ ވާހަކަތައް، ޑިރެކްޓަރު ޖެނެރަލް އޮފް ކައުންޓަރ ޓެރަރިޒަމް، ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ކިޔައި ދެއްވި ކަމަށާއި އޭގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަންވަރަށް ވެސް ދެންނެވި ކަމަށް މުސްތަފާ ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް މި ޖަރީމާގެ މައްސަލަ ބަލާފައި ނެތް ކަމަށް މުސްތަފާ ވިދާޅުވި އެވެ.