ލ. މުންޑޫ ގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އެރަށު ކައުންސިލުގެ ނައިބު ރައީސް އާދަމް ނާސިފް ކޯޓުން ދޫކޮށްލައިފިއެވެ.
ޖެނުއަރީ 8 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި މުންޑޫ ކައުންސިލްގެ ނައިބު ރައީސް ނާސިފް ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުންނެވެ. ތަހުގީގު ކުރިއަށް ދަނިކޮށް ކޯޓުން ނާސިފް ދޫކޮށްލިނަމަވެސް، ފުލުހުން ބުނީ ތަޙުގީގު ކުރިއަށް ގެންދާ ކަމަށެވެ.
ޖެނުއަރީ 8 ވަނަ ދުވަހު މުންޑޫ ކައުންސިލްގެ ނައިބު ރައީސް ނާސިފް އާއި އުމުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެގޮތުން އެމައްސަލައާއި ގުޅިގެން ހައްޔަރުކުރި 30 އަހަރުގެ ނާސިފަށް 7 ދުވަސް އަދި 19 އަހަރުގެ މީހާއަށް 5 ދުވަހުގެ ބަންދުގެ މުއްދަތު ޖުނުއަރީ 9 ވަނަ ދުވަހު ޖެހިއެވެ.
މި މައްސަލައާއި ގުޅިގެން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 19 އަހަރު ފިރިހެން މީހާ އަދިވެސް ހުރީ ބަންދުގައި ކަމަށެވެ. އެނާ ބަންދުގައި ބަހައްޓަން ޖެހެނީ ތަޙުގީގަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުވެ ހުރުމުންކަމަށް ވެސް ފުލުހުން ބުންޏެއެވެ.
މި މައްސަލާގައި އަނިޔާވި އަންހެން މީހާގެ ބަޔާން ފުލުހުން ނަގާފަވާއިރު، އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާއަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.
މުންޑޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ނާސިފުގެ އަނބިކަނބަލުން މަސައްކަތް ކުރައްވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގައި ކަމަށްވާއިރު، މާރާމާރީ ހިނގުމުގެ ކުރިން ނާސިފުގެ އަނބިކަނބަލުންނާއި އެ އަންހެން މީހާއާ ދެ މީހުން ކޯޓު ބޭރުގައި ޒުވާބު ކުރަނިކޮށް ބައެއް މީހުންނަށް ފެނިފައިވެއެވެ.
މާރާމާރީ ހިނގުމުގެ ކުރިން ނާސިފާއި އެ އަންހެން މީހާއާ ދެމެދު ވެސް ހޫނު ޒުވާބެއް ހިނގި އެވެ. އަދި އެރަށު ކައުންސިލް އިދާރާއަށް އެ އަންހެން މީހާ ވަދެ، ނާސިފުގެ ކޮޓަރީގެ ދޮރުގައި ތަޅައި، ކައުންސިލް އިދާރާގެ ތެރޭގައި އަޑުގަދަ ކުރި ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ. އަދި ކައުންސިލް އިދާރާއަށް ވަން މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ވެސް ބުންޏެވެ.