ޓެކްސް ނުދައްކާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭކަމަށާއި، ރިސޯޓުތަކަށް އަރައި ކަސްޓަމްސް ސާރވިސްއިން ހިންގާ އޮޕަރޭޝަނަކީ އެ އެތޯރިޓީގެ ޤާނޫނުގެ ދަށުން ކުރަމުންދާކަމެއް ނޫންކަމަށް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި އެ އިދާރާއިން ބުނީ ދައުލަތަށް ދައްކަންޖެހޭ 5.1 މިލިއަން ޑޮލަރު ދައްކާފައިނުވާތީ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ޓެކްސްދައްކާ އެހެންފަރާތްތަކާއި މެދު ވެސް އަމަލުކުރެވޭ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ތަފާތުކުރުމެއްނެތި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގާ ރިސޯޓުތަކާއިމެދު ފިޔަވަޅު އަޅާފައިވާނެކަމަށެވެ. އަދި ފިޔަވަޅު އަޅަނީ ކަނޑައެޅިފައިވާ އިޖުރާއަތުތައް ފުރިހަމަކޮށް، އެންމެހައި ޓެކްސްދައްކާ ފަރާތްތަކާއިމެދު ހަމަހަމަ އުސޫލަކުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިރާއިން ބުނީ އެ އެތޯރިޓީން އެއްވެސް ވިޔަފާރިއަކަށް ޤާނޫނީ ތަރަހައިން ބޭރުން އަދި އެއްވެސް ވިޔަފާރިވެރިޔަކަށް ގެއްލުމެއް ދިނުމުގެ މަޤްސަދުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެކަމަށެވެ.
"ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ދައުލަތަށް ރިސޯޓް ކުލީގެ ގޮތުގައި ދައްކަންޖެހޭ 18.9 މިލިއަން ޑޮލަރު ދައްކާފައިނުވުމާ ގުޅިގެން ފާއިތުވި އަހަރުގެ މާރޗް މަހުން ފެށިގެން މިރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އަޅާފައިވާ ކުންފުންޏެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.
މީރާއިން ބުނީ ރާއްޖެއަށް އެތެރެކުރާ މުދާ އެތެރެކުރުމުގެ ހުއްދަ ދިނުމާއި އެތަކެތި ބޭނުންކުރުމާއި ބެހޭ ގަވާއިދުތައް ތަންފީޒްކުރުމަކީ އެ އެތޯރިޓީން ކުރާކަމެއް ނޫން ކަމަށެވެ. އަދި އެއީ އެ އެތޯރިޓީގެ މަސައްކަތެއްވެސް ނޫންކަމަށާއި، ވިލާގެ ރިސޯޓުތަކަށް އަރައި ކަސްޓަމްސްއިން ހިންގާ އޮރަޕޭޝަނަކީ އެ އެތޯރިޓީގެ ޤާނޫނުގެ ދަށުން ހިންގާ އޮޕަރޭޝަނެއް ނޫންކަމަށް މިރާ ބުނެ އެވެ.