ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާ ކުރީގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނުކުރެވޭނެ ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުނެފިއެވެ.
އާދިއްތަ ދުވަހުގެ މެންދުރު ފަހު ބޭއްވި އިބްތިދާއީ ބައްދަލުވުމުގައި އިބްރާހީމް ދީދީގެ ދިފައީ ވަކީލު ވިދާޅުވީ އިބްރާހިމް ދީދީގެ މައްޗަށް ދައުވާ ދައުވާ ކުރެވެން ޖެހޭނީ ޓެރަރިޒަމްގެ ފަހުގެ ގާނޫނުގެ ދަށުން ކަމަށެވެ. ދިފާއީ ވަކީލް ވިދާޅުވީ ކުރީގެ ގާނުނުގެ ދަށުން އިބްރާހީމް ދީދީގެ މައްޗަށް ދައުވާކޮށްފައިވާއިރު އެ ގާނޫނުން މީހެއްގެ މައްޗަށް ކުށް ސާބިތުކުރަން ޖެހޭ މިންގަނޑު ފަސޭހަވެގެންދާ ކަމަށެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ފުރިހަމަވާން ޖެހޭ މިންގަނޑު އިތުވެ ދިފާއުވުމަށް ކުށުގެ ތުހްމަތު ކުރެވޭ މީހާއަށް ފަސޭހަވެގެންދެއެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ މިހާރު ދައުވާ ކޮށްފައިވާ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެ ނަމަ އަދަބު ކުޑަ ވެގެންދާނެ ކަމަށެވެ. އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައެވެ.
އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ނުކުރުމަށް ކުރިން ނިންމި ކަމަށާއި އެކަން އޭނާއަށް ވެސް އެންގި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން ކޯޓުގައި ވަނީ އެއްބަސްވެފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށުގައި ބެހެއްޓެވި މައްސަލައިގައި އިބްރާހީމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު، ޕީޖީ އޮފީހުން ދައުވާ އަނބުރާ ގެންދިޔައީ 2015 ވަނަ ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު، 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އަންގާފައި ވަނީ އިބްރާހިމް ދީދީގެ މައްސަލަ އަނބުރާ ގެންދިޔައީ ދިރާސާ ކުރުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް ވަނުމަށް ފުލުހުން ހުރަސް އަޅާފައިވަނިކޮށް އެތަނަށް ވެންނެވި ކަމަށް ބުނާ މައްސަލައެއްގައި ވެސް އިބްރާހީމް ދީދީގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެ މައްސަލައިގައި އޭނާގެ އިތުރުން 11 މެމްބަރެއްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ހުރަސްއެޅުމުގެ ދައުވާ އެވެ.